ސަން މީޑިއާ ގްރޫޕުގެ ނޫސްވެރިން އަމަލު ކުރާނެ ގޮތުގެ އަހުލާގީ މިންގަނޑެއް އެކުލަވާލައި ނޫސްވެރިން ސޮއިކޮށްފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ މުނާސަބަތުކޮށް، ސަން މީޑިއާ ގުރޫޕުން އިއްޔެ އެކުލަވާލި މިންގަނޑާ އެއްގޮތަށް ސަން މީޑިއާގައި މަސައްކަތް ކުރާ ކޮންމެ ނޫސްވެރިއަކު ވެސް ޢަމަލު ކުރަން އެއްބަސްވެ، ހުރިހާ ނޫސްވެރިން ސޮއިކުރި އެވެ.

ސަންގެ ނޫސްވެރިން ސޮއިކުރި މިންގަނޑުގައި ހިފަހައްޓާފައިވާ މައިގަނޑު ހަމަތަކުގެ ތެރޭގައި އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމާއި ޤައުމީ ސަލާމަތާއި ރައްކާތެރިކަމާއި އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އިޖްތިމާޢީ އަޚްލާޤް ދެމެހެއްޓުން ހިމެނޭ ކަމަށް ސަން މީޑިއާ ގްރޫޕުން ބުންޏެވެ.

އަދި ނުފޫޒެއްގެ ދަށުގައި ނުވުމާއި އިންސާފުވެރިކަމާ އެކު ތެދު ޙަޤީޤަތް ހާމަކުރުމާ އެކު ޒިންމާދާރުކަމާ އެކު ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން، ވެސް ކޮންޑަކްޓްގައި ހިމެނޭ ކަމަށް ސަން މީޑިއާ ގްރޫޕުން ބުންޏެވެ.

އެ މިންގަނޑުގައި ޖުމްލަ 25 ނުކުތާއެއް ވަނީ ހިމަނާފައިވެ އެވެ. އެ އޭގެ ތެރޭގައި ފަރުދީ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ވެސް ވަރަށް ބޮޑަށް ބާރުއަޅާފައި ވާނެ ކަމަށާއި މައިގަނޑު ނުކުތާތައް ހުންނާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ ނޫސްވެރިންގެ ކޯޑް އޮފް ކޮންޑަކްޓްގައި ހުރި މައިގަނޑު ކޮންސެޕްޓް ކަމަށް ވެސް ސަން މީޑިއާ ގްރޫޕްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް ސަން އެފްއެމްގެ ކޮންފަރެންސް ހޯލްގައި އިއްޔެ އޮތް ހަފުލާގައި ވަނީ ސަންގައި މަސައްކަތް ކުރާ ނޫސްވެރިންނަށް "ރިސްކް އެލަވަންސެއް" ތަޢާރަފްކޮށްފަ އެވެ.

ސަންގެ ނޫސްވެރިން ޢަމަލު ކުރާނެ މިންގަނޑެއް އެކުލަވާލުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަންގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ ކޮންމެ ނޫސްވެރިއަކު ވެސް އަމިއްލަ އަށް ގަބޫލު ކުރަން ޖެހޭ މިންގަނޑެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ޕްރޮފެޝަނަލްކޮށް ނޫސްވެރިކަން ކުރާ ތަންތަނުގައި ވެސް ނޫސްވެރިން އަމިއްލަ އަށް ގަބޫލު ކުރާ އަޚްލާގީ މިންގަނޑެއް އޮންނަ ކަމަށާއި އެފަދަ މިންގަނޑެއް އެކުލަވާލީ ނޫސްވެރިންގެ މައްޗަށް ފިޔަވަޅު އަޅައި މައްސަލަ ބަލަން ނޫން ކަމަށެވެ.

އިއްޔެގެ ހަފުލާގައި ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ ނޫސްވެރިން އަބަދުވެސް ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ހަމަ އެއާ އެއް ހަމަައަކުން ފަރުދީ ހައްގުތައް ރައްކާކޮށްދީ، ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑުތައް ހިފަހައްޓަން ޖެހޭނެ ކަމަށެވެ.