Last Updated:
10 year 7 month ago

އޭއެފްސީކަޕް: ނިއު 0 - 2 ކިޗީ

    ބުލޮގު ޚުލާސާ

    އޭއެފްސީ ގްރޫޕް ސްޓޭޖްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހޮންކޮންގެ ކިޗީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ލައިވް ކަވަރޭޖް.

    17:57

    ގްރޫޕް އެފް:

    • ކާޔާ، 9 ޕޮއިންޓް - 4 މެޗު
    • ކިޗީ، 7 ޕޮއިންޓް - 4 މެޗު
    • ބަލެސްޓާ، 4 ޕޮއިންޓް - 4 މެޗު
    • ނިއު، 2 ޕޮއިންޓް - 4 މެޗު
    17:52

    މި މެޗުން ކިޗީ މޮޅުވުމުން އެޓީމަށް ވަނީ ޖުމްލަ ހަތް ޕޮއިންޓާއެކު މިވަގުތަށް ގްރޫޕް އެފްގެ އެއްވަނަ ލިބިފައި. އެހެން ނަމަވެސް، މިހާރު އެ ގްރޫޕްގެ އަނެއް ދެޓީމު ކަމަށްވާ ފިލިޕީންސްގެ ކާޔާ އެފްސީއާއި ސިންގަޕޯގެ ބަލެސްޓިއާ ޚަލްސާ ކުޅޭ މެޗުން ކާޔާ މޮޅުވެއްޖެ ނަމަ، އެޓީމަށް ގްރޫޕްގެ އެއްވަނަ ލިބޭނެ.

    17:51

    މެޗު ނިމިއްޖެ.ކިޗީ 2، ނިއުއަށް ލަނޑެއް ނުޖެހޭ.

    17:51

    ރަފީނޯ ބޯޅަ ހިފައިގެން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެށް ވަންނަން ދަނިކޮށް ނިއުގެ ބިދޭސީ ކުޅުންތެރިޔާ ޓެކްލްކޮށް ބޯޅަ ބޭރުކޮށްލައިފި.

    17:49

    މެޗުގެ ފުރިހަމަ ވަގުތު (90 މިނިޓް) ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް.

    17:45

    ކިޗީގެ އެސް. މިންގްއަށް ފައުލުކުރުމާ ގުޅިގެން ނިއުގެ ފަރުހާދަށް ރީނދޫ ކާޑެއް ދައްކައިފި.

    17:43

    ނިއުއިން ބަދަލެއް.ރިލްވާން ވަހީދުގެ ބަދަލުގައި މުހައްމަދު ޝާދިން ކުޅެން އެރީ.

    17:43

    ކިޗީގެ ހަމަލާއެއް. ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ކިޗީގެ ޖޯޑީ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތީ.

    17:41

    ފައިރޫޒްގެ ފަރާތުން ވަރަށް ރަނގަޅު ސޭވެއް. ކިޗީގެ ރަފީނޯ ނިއުގެ ގޯލް އޭރިޔާ ތެރޭން ފޮނުވާލި ބާރު ޝޮޓް ފައިރޫޒް އަތުން ޖަހައި އޭރިޔާތެރޭން ބޭރުކޮށްލީ.

    17:39

    މެޗުގެ 80 މިނިޓްގެ ކުޅުން ނިމުނުއިރު ކިޗީ މިވަނީ 2 ލަނޑުގެ ލީޑެއް ނަގާފައި. އެޓީމުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ ފުރަތަމަ ހާފްގައި ރަފީނޯ.

    17:30

    ކިޗީ ހާފްގެ މެދެއްހާ ހިސާބުން ނިއުއަށް ހިލޭ ޖެހުމެއް. ހިލޭ ޖެހުން ކުރިއަށް ފޮނުވާލީ ރިލޭ. ކިޗީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ރިލޭ ބޯޅަ ފޮނުވާލި އިރު ނިއުގެ ކުޅުންތެރިއަކު ހުރީ އޮފްސައިޑްވެފައި.

    17:28

    ނިއުގެ ކީޕަރަކަށް އަހްމަދު ފައިރޫޒް އަރާފައި މިވަނީ އޭނާގެ ބަދަލުގައި އިއްޒަތު އަބްދުލް ބާރީ ބޭލުމަށްފަހު. އެގޮތުން މިހާރު ނިއުއިން ކުޅެމުން މިދަނީ އެއް ކުޅުންތެރިއަކު މަދުން.

    17:26

    ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ކިޗީއަށް ލިބުނު ހިލޭޖެހުމަކުން ރަފީނޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.

    17:25

    އަބޫގެ ބަދަލުގައި ނިއުގެ ގޯލަށް އެރީ ބަދަލު ކީޕަރު އަހްމަދު ފައިރޫޒް.

    17:24

    އަބޫއަށް ރަތްކާޑު ދެއްކީ، ކިޗީގެ ފޯވާޑް ރަފީނޯ ބޯޅަ ހިފައިގެން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަންނަން ދަނިކޮށް އޭރިޔާ ބޭރުން އަބޫ ބޯޅައިގައި އަތްލުމުން.

    17:23

    ނިއުގެ ގޯލް ކީޕަރު އަލީ ސުލޭމާނަށް ރަތްކާޑެއް ދައްކައިފި.

    17:20

    ނިއުގެ ހޮކޭއަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް ގެއްލުނީ. ކިޗީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރި ހޮކޭއަށް މުސްލިހު ވަރަށް ރީތިކޮށް ޖައްސާލިބޯޅަ ހޮކޭއަށް ގޯލަށް ރަނގަޅަށް ފޮނުވާލެވޭގޮތް ނުވި. ކޮންޓްރޯލްވެސް ކޮށްނުލާ ހޮކޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.

    17:18

    ނިއުގެ ޕެނަލްޓީއޭރިޔާގެ ތެރޭން ކިޗީގެ ޖޯޑީ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށެއް ނުލެވުނު.

    17:11

    ނިއުގެ ކުޅުންތެރިއަކަށް ފައުލުކުރުމާ ގުޅިގެން ކިޗީގެ ރުފީނޯއަށް ރީނދޫ ކާޑެއް ދައްކައިފި.

    17:08

    ދެވަނަ ހާފް ފެށިގެން ފަސް ވަރަކަށް މިނިޓްގެ ކުޅުން ކުރިއަށް ދިޔައިރު، ގިނަވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެމުންދަނީ ކިޗީ.

    17:07

    ކިޗީގެ ކުޅުންތެރީން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ.

    17:04

    ދެވަނަ ހާފް ފަށައިފި.ކިކްއޮފް ކުރީ ނިއުއިން.

    16:50

    މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފްގެ ކުޅުން ނިމުނު އިރު، ސްޕެއިން ފޯވަޑް ރުފީނޯ ކާމިޔާބުކުރި ދެ ލަނޑުން ކިޗީ އޮތީ ކުރީގައި. ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔައީ ކިޗީއިން.

    16:47

    ކިޗީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަމްޕު އަށް ލިބުނު ބޯޅައިން، އޭނާ ނުރައްކާ ކުރުމުގެ ކުރިން އެ ޓީމުގެ ޑިފެންޑަރު ފެނާންޑޯ ރެޗިއޯ އެބޯޅަ ކޯނަރަކަށް ބޭރުކޮށްލައިފި.

    16:39

    މެޗުގެ 35 މިނެޓުގެ ކުޅުން ނިމުނު އިރު، މުޅިން ކަހަލަ ގޮތަކަށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދަނީ ކިޗީ އިން. އެ ޓީމުގެ ގޯލަށް އަދި ޑިފެންޑަރުންނަށް މާ ބޮޑު ނުރައްކަލަކާ ކުރިމަތިލާކަށް ނުޖެހޭ.

    16:37

    މި ލަނޑަކީ އޭއެފްސީ ކަޕުގައި ކިޗީއިން ކާމިޔާބުކުރި ތިން ވަނަ ލަނޑު. އެ ތިން ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ސްޕެއިން ފޯވަޑް ރުފީނޯ.

    16:33

    ކިޗީ އިން އިތުރު ލަނޑެއް ކާމިޔާބުކޮށްފި. ކިޗީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖެހި ރުފީނޯ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ވަރަށް ފަސޭހަކަމާއެކު ރުފީނޯ ވަނީ ނިއުގެ ގޯލުގެ ތެރެއަށް ފޮނުވާލާފައި. މި ލަނޑު ވެސް ރުފީނޯ ކާމިޔާބުކުރި އިރު، އޭނާއަށް ނިއުގެ ޑިފެންޑަރުންގެ ފަރާތުން އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހުނު.

    16:32

    މުހައްމަދު ރަޝީދު (ހޮކޭ) ދިން ބޯޅައަކުން ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ބޯޅަ، ކިޗީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ނުރައްކާވުމުގެ ކުރިން ކިޗީގެ ޑިފެންޑަރުން އެ ބޯޅަ ހޯދައިފި.

    16:30

    ނިއުއިން ބަދަލެއް ގެނެސްފި. ތަޖުރިބާކާރު މިޑްފީލްޑަރު، ނިޔާޒްގެ ބަދަލުގައި ކުޅެން ނުކުތީ މުސްލިހު. ރިލޭ ކުޑަކޮށް ފަހަތަށް ޖައްސާލުމަށްފަހު، އެންމެ ކުރިއަށް މިހާރު ކުޅެމުންދަނީ މުސްލިހު.

    16:28

    ކިޗީގެ ސްޕެއިން ފޯވަޑް ރުފީނޯ ހުއްޓުވުމަށް ނިއުގެ ކުޅުންތެރިން، އުނދަގޫތަކަކާ ކުރިމަތިލާ ތަން ފެންނަމުންދޭ.

    16:26

    ނިއުގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އަރިމަތީގައި ހުރެފައި، ކިޗީގެ ރުފީނާ ދިން ބޯޅަ ލިބޭ ހިސާބުގައި އެ ޓީމުގެ ކުޅުންތެރިޔަކު ނެތް. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު ސުލޭމާނާ ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

    16:21

    ކިޗީއިން ލީޑު ހޯދައިފި. ކިޗީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވަޑް ރުފީނޯ ސެގޮވިއާ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރުފީނޯއަށް ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށް. ނިއުގެ ކީޕަރު ސުލޭމާނާ އަބޫ، އެ ބޯޅަ ހޯދުމަށް ކުރިއަށް ނުކުތް ނަމަވެސް، އޭނާގެ އެ މަސައްކަތް ކާމިޔާބެއް ނުވޭ. އެ ބޯޅަ ހޯދުމަށް ރުފީނޯ ކައިރީގައި ހުރި، ނިއުގެ ޑިފެންޑަރު ސެގުން އަވޮނިޔީ، މާ ބޮޑު މަސައްކަތެއް ކޮށްފައެއް ނުވޭ.

    16:18

    ކިޗީގެ ހާފްގެ ތެރެއިން އިއްޒަތު ދިން ބޯޅަ، ރިލްވާނަށް ލިބުނުގެ ކުރިން ކިޗީގެ ޑިފެންޑަރަކު އެ ބޯޅަ ހޯދައިފި.

    16:16

    ދަނޑުގައި ސަޕޯޓަރުންގެ އަދަދު ވަރަށް މަދު. ދަނޑުގެ ގޮނޑިބަރި އަދި ސިޑިބަރި ވެސް ފެންނަނީ ވަރަށް ފަޅުކޮށް.

    16:14

    ބޯޅަ ހިފައިގެން ކިޗީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އެ ޓީމުގެ ސްޕެއިން ފޯވަޑް ރުފީނޯ ވަނުމަށްފަހު، ހަމަލާއެއް ފޮނުވާލަން އުޅެނިކޮށް ނިއުގެ ޑިފެންޑަރު މައިކަލް، ރުފީނޯއަށް ހުރަސް އަޅައިފި.

    16:09

    ކިޗީގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދުމަށްފަހު، ކިޗީގެ ހާފްގެ ތެރެއަށް ވަދެ، ރިލްވާނަށް ބޯޅަ ދިން އިރު، އޭނާ ހުރީ އޮފްސައިޑްގައި. މި މެޗުގައި ނިއުގެ އެންމެ ކުރިއަށް ކުޅެމުންދަނީ ޑިފެންޑަރެއްގެ ގޮތުގައި އާންމުކޮށް ފެންނަ ރިލްވާން ވަހީދު.

    16:08

    ކިޗީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ނިއުގެ ހަނީފް ނަގައިދިން ބޯޅަ، ހުސްކޮށް އޮތް އިއްޒަތުގެ ބޮލުން ޖައްސާލި ނަމަވެސް އޭނާ އޮތީ އޮފްސައިޑްގައި.

    16:04

    މެޗުގެ ކުޅުން ފެށީ، ރަށުން ބޭރުގައި ކުޅޭ ކިޗީ.

    15:57

    އޭއެފްސީ ކަޕްގެ ގްރޫޕް އެފްގައި ހޮންކޮންގައި މިދިޔަ މަހު، ނިއު ރޭޑިއަންޓާއި ކިޗީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން. މިއަދުގެ މެޗަށް ނުކުންނައިރު، ކިޗީ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައި. ނިއު އޮތީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައި. ނިއު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވި އިރު، އެއް މެޗުން ވަނީ ބަލިވެފައި. ކިޗީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައި. އަދި އެއް މެޗުން ވަނީ ބަލިވެފައި. ގްރޫޕް އެއް ވަނައިގައި، ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ފިލިޕީންސްގެ ކަޔާ އެފްސީ އޮތްއިރު، ދެ ވަނައިގައި އޮތް ސިންގަޕޫރުގެ ބެލެސްޓިއާ ޚަލްސާއަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓް.