ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއި ކުރި، ޑަބަލް ޓެކްސޭޝަން އެވޮއިޑަންސް، ނުވަތަ ދެފަހަރަށް ނެގޭ ޓެކްސް ނެގުން ހުއްޓާލުމާ ބެހޭ އެގްރީމެންޓްގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރާ ވައިގެ ދަތުރުތަކުގެ އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރާ ވައިގެ ދަތުރުގެ އަގު ކުޑަ ނުވަ ވަނީ ޑަބަލް ޓެކްސޭޝަނުގެ ސަބަބުން ކަމަށް މީގެ ކުރިން އެއާލައިނުތަކާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ވެސް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން، އިއްޔެ ދެ ސަރުކާރުން ސޮއި ކުރި އެގްރީމެންޓުގެ ސަބަބުން ވަރަށް އަވަހަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮވާނެ ކަމަށް ބެލެވޭ ކަމަށް ޑރ. ޝައިނީ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އަގުން ކުޑަ ވާނީ ސީދާ މިވެނި ވަރެކޭ މިވަގުތު ވިދާޅުވުމަށް ދަތި ކަމަށް ޑރ. ޝައިނީ ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޝައިނީ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާ އިން ވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް އެއްބަސްވެވިފައިވާ ކަމަށާއި، އެގޮތުން އިންޑިއާގެ ލީލާ ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ތަރައްގީކޮށް، ހިންގުމަށް ވަރަށް އަވަހަށް ހަވާލު ކުރެވޭނެ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއާ ދަތުރުކުރާ އެއާލައިނުތަކުގެ ތެރޭގައި މޯލްޑިވިއަންއާއި އެއާ އިންޑިއާ ހިމެނެ އެވެ.