އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް، ރަށުގައި ތިބެގެން ކޯޓުތައް މެދުވެރިކޮށް މާލޭގައި ހުންނަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި، އެ މައްސަތައް ބެލޭނެ ގޮތް ހެދުމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް މަޖިލީހަށް ހުށަހެޅުއްވި އިސްލާހަކީ ބާތިލު އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށްނިންމީއެ އިސްލާހު ދިރާސާ ކުރުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމެޓީ އަށް ފޮނުވުމުން އެ އިސްލާހާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ކޮމެޓީން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގަ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ޖަވާބު ދިނުމުން ކޮމެޓީއަށް އެވަގުތު ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ އިތުރަށް ދިރާސާ ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ނިންމައިފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާ އަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ގާއިމްކޮށްފައި ނުވާ ރަށްރަށުގައި ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލްގެ އިހްތިސޯސް ހިނގާ މައްސަލަތައް އެ ރަށެއްގެ ނުވަތަ އެ ރަށެއް ހިމެނޭ ޖުޑީޝަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ.

ގާނޫނަށް އިސްލާހު ހުށަހެޅުއްވި މެމްބަރު ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް: ފޮޓޯ/ މަޖިލިސް

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާއާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ދިމާވާ ދަތިތަކަށް ކޮންމެސް ވަރެއްގެ ހައްލެއް ހޯދުމުގެ މަގުސަދުގައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ވަޒީފާގެ މާހައުލުގައި ހުރި މައްސަލަތައް ދެނެގަނެވޭނީ އެ މައްސަލަތައް ހުށަހެޅިގެން ކަމަށްވާ އިރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން ފަސޭހަވާނެ އުސޫލެއް ގާއިމުކުރުމަކީ ވެސް އިސްލާހު ހުށަހެޅުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފައްޔާޒު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ޖުޑީޝަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލާގައި ގޮތެއް ނިންމާނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކަމަށެވެ.

އޭގެ އިތުރުން މައްސަލަތަކުގެ ތަހުގީގަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން މައްސަލަ ހުށަހެޅޭ ދަށު ކޯޓަކުން ފުރިހަމައަށް ފޯރުކޮށްދޭންވާނެ ކަމަށާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި މައްސަލަތަކުގެ އަޑުއެހުންތައް ބާއްވާނީ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ އެ އިސްލާހު ފާސްވެ، ގާނޫނަކަށް ބަދަލުވުމަށް ފަހު އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގަވައިދުގައި ހިމަނާ އާންމުކޮށް ޝާއިއުކުރަން ވާނެ ކަމަށެވެ. އޭގެ އިތުރުން ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލޭނެ އިންތިޒާމް އެ ގާނޫނަށް އަމަލުކުރަން ފަށާތާ 12 މަސް ދުވަހުގެ ތެރޭގައި ޑީޖޭއޭ އިން ހަމަޖައްސަންވާނެ ކަމަށް ވެސް ފައްޔާޒުގެ އިސްލާހުގައިވެ އެވެ.