ވޮޝިންޓަން (އޭޕްރިލް 12): ވެރިކަމުގައި އެންމެ ގޯސްކޮށް ކުރެވުނު ކަމަކީ ލީބިޔާގެ ކުރީގެ ލީޑަރު، ކާނަލް މުއައްމަރުލް ގައްޒާފީ ވެރިކަމުން ދުރު ކުރުމުން ދިމާ ވެދާނެ މައްސަލަތަކަށް ދުރާލާ ނުރޭވުން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އިއްޔެ ފޮކްސް ނިއުސްއާ ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވީ ގައްޒާފީ ވެރިކަމުން ދުރުކުރުމަށް ފަހު ލީބިޔާއަށް އައި ހަމަނުޖެހުންތައް ރަނގަޅު ކުރުމަށް އެމެރިކާއިން އެކަށީގެންވާ ފިޔަވަޅު ނޭޅި ނަމަވެސް، ލީބިޔާއަށް އެރުމަކީ "ރަނގަޅު ފިޔަވަޅެއް" ކަމަށް ގަބޫލު ކުރައްވާ އެވެ.

އެމެރިކާ އާއި ނޭޓޯގެ ބައެއް އެހެން ގައުމުތަކުން 2011ގައި ލީބިޔާއަށް އަރާ އެގައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް ހަމަލާ ދޭން ފެށީ އެގައުމުގެ ރައްޔިތުން ގައްޒާފީގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން، އެ ގައުމުގެ ރައްޔިތުން ސަލާމަތަށްޓަކަ އެވެ. ނަމަވެސް، ގައްޒާފީގެ ވެރިކަން ވެއްޓުނު ފަހުން ލީބިޔާގެ ދެ ސަރުކާރެއް އުފެދި ގައުމުގައި ހަމަނުޖެހުންތައް މާބޮޑަށް އިތުރުވި އެވެ.

އެއީ ލީބިޔާގައި ކަންތައްތައް ހިނގާ ދިޔަ ގޮތާ ބެހޭ ގޮތުން އޮބާމާ ކަންބޮޑުވުން ފާޅު ކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މަހު އޮބާމާ ވަނީ ލީބިޔާގެ އޮޕަރޭޝަން ކުރިއަށް ދިޔައީ އުއްމީދު ކުރި ގޮތަށް ކަމަށްވިޔަސް، މިހާރު ލީބިޔާ އޮތީ ނޭދެވޭ ހާލަތެއްގައި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. މީގެ އިތުރުން، އެހެން އިންޓަވިއުއެއްގައި އޮބާމާ ވަނީ ލީބިޔާގެ ވެރިކަން ވެއްޓުމުގައި ބައިވެރިވި އިނގިރޭސިވިލާތާއި ފްރާންސުން ފަހުން ވަނީ ލީބިޔާގެ މައްސަލައަށް އަޅާލުން ހުއްޓާލާފައި ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)