މާލޭގައި ފެން ބޭނުންކުރާ މިންވަރު ކުރިއާ އަޅާބަލާ އިރު 25 ޕަސެންޓް އިތުރުވެފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ބުނެފި އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖާ ބިޒްނެސް ޑިވެލޮޕްމެންޓް ހުސައިން އިބްރާހިމް މިއަދު "ސަން"އަށް ވިދާޅުވީ ހޫނު ގަދަވުމާ އެކު ފެން ބޭނުންކުރާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެ މިންވަރު އާދައިގެ ދުވަސްތަކާއި އަޅާބަލާ އިރު 25 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ހޫނުގަދަ ދުވަސް ވަރަކަށް ވުމާ އެކު ވަރަށް ފެނުގެ ޑިމާންޑް ވަރަށް ހައިކޮށް އުޅެނީ، ވަރަށް ގިނައިން ކަސްޓަމަރުން ފެން ބޭނުން ކުރޭ." ހުސެއިން ވިދާޅުވި އެވެ.

މޭ މަހުގެ 22 އާ ހަމައަށް ހޫނު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ. މި މަހުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން 34 ޑިގްރީ ސެލްސިއަސް އަށް އަރައިގެންދާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ފަހަކަށް އައިސް ހޫނުމިން މައްޗަށް ދިއުމާއި އެލްނިނޯ ބާރުގަދަވުމަކީ ވިހަގޭހުގެ ސަބަބުން ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަން ކަމަށެވެ.