12 Apr 2016, 15:35
އިންޑިއާގެ ރައްޔިތުންނަށްދޭ ހަތަރު ވަނަ އަށް އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ޕަދްމާ ޝްރީ އެވޯޑް ޕްރިޔަންކާ ޗޯޕްރާ ހާސިލްކޮށްފި އެވެ.
ރާޝްތްރަޕްތީގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި އުމުރުން 33 އަހަރުގެ ޕްރިޔަންކާ އަށް އެވޯޑް އެރުވީ އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ އެވެ.
އެވޯޑާ ހަވާލުވުމަށް ފަހު މިހާރު ހޮލީވުޑުގައި ފިޔަޖަހަމުން އަންނަ ޕްރިޔަންކާ ބުނީ މިއަދު ހަގީގަތަކަށް ވެގެންދިޔައީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.
"ދިލް ދަޑަކްނޭ ދޯ އިން ފެށިގެން ބާޖީރާއޯ މަސްތާނީ އިން ފެށިގެން ކުއަންޓިކޯގައި އަދާކުރާ ރޯލުން ލިބުނު ޕީޕަލްސް ޗޮއިސް އެވޯޑު އަދި މިހާރު ޕަދްމާ ޝްރީ އެވޯޑު ލިބުން. މިވަގުތު ކުރެވޭ އިހުސާސް ބުނެދޭންވެސް ނޭނގެ،" ޕްރިޔަންކާ ބުނެފައިވެ އެވެ.
ރައީސް ޕްރަނާބް މުކަރްޖީ ޕްރިޔަންކާ އަށް ޕަދްމާ ޝްރީ އެވޯޑް ހަވާލުކޮށްދެއްވަނީ
ޕްރިޔަންކާ ބުނީ އެ އެވޯޑަކީ ގަދައަޅާ ކުރާ މަސައްކަތުގެ ނަތީޖާ ކަމަށާއި އޭނާއަކީ ކުރާ މަސައްކަތަށް އިހުތިރާމު ކުރާ މީހެއް ކަމަށެވެ.
ކުއަންޓިކޯ އިން ހޮލީވުޑުގެ ކެރިއަރު ރަނގަޅަށް ފެށި ޕްރިޔަންކާ މިހާރު އަންނަނީ ފިލްމު "ބޭވޮޗް"ގެ މަސައްކަތް ވެސް ކުރަމުންނެވެ.
ޕްރިޔަންކާ އަކީ ދެކުނު އޭޝިޔާ އިން ޕީޕަލްސް ޗޮއިސް އެވޯޑު ހާސިލް ކުރި ފުރަތަމަ އެކްޓަރެވެ.
ޕްރިޔަންކާ ވަނީ ބޮލީވުޑުގައި ތަފާތު އެތައް ރޯލުތަކެއް ކުޅެ، އޭނާގެ ކުޅަދާނަ ހުނަރު މުޅި ދުނިޔެއަށް ދައްކާލައިފަ އެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ބަރްފީ، ދޯސްތާނާ، ފެޝަން ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.
ޕްރިޔަންކާ ބޮލީވުޑަށް ތައާރަފުވީ 2003 ވަނަ އަހަރު ނުކުތް އަނިލް ޝަރްމާގެ ފިލްމު "ދަ ހީރޯ" އިންނެވެ.
މީގެ ކުރިން ވެސް ބޮލީވުޑުގެ ގިނަ ތަރިން ވަނީ ޕަދްމާ ޝްރީ އެވޯޑު ހޯދާފަ އެވެ. އޭގެ ތެރޭގައި ބޮލީވުޑުގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ޝާހްރުކް ހާން އާއި އާމިރް ހާން، އައިޝްވާރްޔާ ރާއި އަދި އަމީތާބު ބައްޗަން ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.