ކުށްވެރިވެ، ޖަލަށް ލާފައިވާ އެއްވެސް މީހެއްގެ ވާހަކައެއް، އިންޑިއާ ސަރުކާރުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ދައްކަވާފައި ނުވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އިންޑިއާއަށް ކުރެެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅާ ބެހޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފެރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ދުންޔާ ވިދާޅުވީ އެކަމަނާ ބައިވެރިވެވަޑައިގެންނެވި އެއްވެސް ޖަލްސާއެއްގައި "އެއްވެސް ކުށްވެރިއަކާ ބެހޭ ވާހަކައެއް" އިންޑިއާގެ އެއްވެސް ބޭފުޅަކު ދައްކަވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި، ރައީސްއާ އިންޑިއާގެ ބޮޑުވަޒީރާ ވެސް ކުރެއްވި އެއްވެސް މަޝްވަރާއެއްގައި ވެސް އެކަހަލަ ވާހަކައެއް ދެކެވިފައެއް ނުވޭ. މީހެއްގެ ނަމެއްވެސް އައިސްފައއި ނުވޭ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އެހެން ވިދާޅުވެފައިވާ އިރު، ރައީސް ޔާމީން އިންޑިއާއަށް ވަޑައިގަތުމުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ރައީސް އަރިހުން އެދިވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓު ކުރެވެނެވެ.

ދުންޔާ ވިދާޅުވީ، ރާއްޖޭގެ އެއްވެސް ކަމެއް ވަކި ގޮތަކަށް ކުރުމަށް، ނުވަތަ ރާއްޖޭގެ އެއްވެސް ކަމަކަށް އިންޑިއާއިން ފާޑު ކިޔާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ނިންމުމަކީ ދިވެހީންގެ ކަންކަން ކަމާއި، ވަކި ގޮތަކަށް ކަމެއް ކުރުމަށް ނުބުނެވޭނެ ކަމުގެ ޕޮޒިޝަން އިންޑިއާއިން ނަގާފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ -- ސަން ފޮޓޯ/މާހިލް މުހައްމަދު

މި ދަތުރުފުޅުގައި ރައީސް ޔާމީން އަރިހުގައި ވަޑައިގެންނެވި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް އިގްތިސާދީ ގޮތުން ކުރިއަރުވަމުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ކަންކަން ކިޔައިދިނުމުން އެ ފަރާތްތަކުން ސުވާލު ވެސް ނުކުރާ ކަމަށެވެ.

"މި ފެންނަނީ އެބޭފުޅުންނަށް ކަންކަން އެނގޭކަން. އެނގުނީމާ އަޅުގަނޑުމެންނަށް އެ ސުވާލުތަކެއް ނާދޭ. ގައުމު އެއަށް ވުރެ މާ ބޮޑު ދެއްތޯ. އެހެންވީމާ ވަކިވަކި މީހެއްގެ މައްސަލައެއްގައި ގައުމު ފަސްޖެހިފައި އޮންނާކަށް ނުޖެހޭ،" ޝައިނީ ވިދާޅުވި އެވެ.

އަދި ރާއްޖޭގައި ސިޔާސީ ކުށްވެރިންނެއް ވެސް ނުތިބޭނެ ކަމަށް ޑރ ޝައިނީ ވިދާޅުވި އެވެ.