04 May 2011, 11:46
ނ. ވެލިދޫގައި ދޮންބައްޕައަކު ގިނަ ދުވަސްތަކެއް ވަންދެން ދެ ދޮންދަރިއަކާއި ބެހުނު މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ވެލިދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ އުމުރުން 55 އަހަރު އެ މީހާ ބެހިފައިވަނީ މިހާރު އެމީހާ އަނބިމީހާގެ އަށް އަހަރުގެ ފިރިހެން ކުއްޖަކާއި އަދި ނުވަ އަހަރުގެ އަންހެން ކުއްޖަކާ ކަމަށާއި އެ އަމަލު އޭނާ ހިންގާތާ ދެ އަހަރެއްހާ ދުވަސް ވެދާނެ ކަމަށެވެ.
"އެދެކުދިން ރޯ އަޑާއި އަދި ގިސްލާ އަޑު މި އިވެނީ ރޭގަނޑު. އެހެންވެ ހިސާބު މީހުންނަށް އުނދަގޫވާތީ ފުލުހުންނަށް ރިޕޯޓް ކުރީ. އެ ކުދިން ރޯ ގޮތުން އެކަހަލަ ކަމަކަށް ޝައްކުވާތީ މީހުން ރިޕޯޓް ކުރީ،" އެ މީހާ ދިރިއުޅޭ ގެއާއި ކައިރި ހިސާބެއްގައި ދިރިއުޅޭ މީހަކު ބުންޏެވެ.
ރަށުގެ ގިނަ ބަޔެއްގެ ރިޕޯޓްތައް ލިބެމުން ދިޔުމާއި އެކު އިއްޔެ ޖެންޑާ މިނިސްޓްރީގެ ޓީމެއް ވެލިދޫއަށް ގޮސް ފުލުހުންނާއި ގުޅިގެން އެ މައްސަލަ މިހާރު ބަލަމުން އަންނަކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.
ގިނަ ދުވަސްތަކެއްވަންދެން ދެ ދޮންދަރިން ޖިންސީ ޝިކާރައަކަށް ހެދި ކަމަށް ބުނާ މި ދޮން ބައްޕައަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެއްޖިއްސުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެކެވެ.