12 Apr 2016, 14:44
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)އަށް 50 ވަނަ އަހަރު ފުރުމުގެ މުނާސަބަތުގައި ކުޑަކުދިންގެ ހިޔާ އަށް ކޮމްޕިއުޓަރު ލެބެއް ހަދިޔާ ކޮށްފި އެވެ.
މިއަދު ހުޅުމާލެ ކުޑަކުދިންގެ ހިޔާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއޭސީއެލް އިން ކުޑަކުދިންގެ ހިޔާގައި ގާއިމުކޮށްފައިވާ ކޮމްޕިއުޓަރު ލެބް ހުޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އަނބިކަނބަކުން ފާތިމަތު އިބްރާހިމެވެ.

އެމްއޭސީއެލް އިން ހުޅުމާލެ ކުޑަކުދިންގެ ހިޔާއަށް ކޮމްޕިއުޓަރު ލެބް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ގާއިމު ކުރި ކޮމްޕިއުޓަރު ލެބަކީ އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުޑަ ކުދިންނަށްދިން ވަރަށް މުހިއްމު ހަދިޔާ އެއް ކަމަށެވެ.
"އަޅުގަނޑުމެން މި ކޮމްޕިއުޓަރު ލެބް ހަދާ މި ކޮމްޕިއުޓަރުތައް އިންސްޓޯލްކޮށް ނިންމީ މި ހުރިހާ ކަމެއް ނިމުނީ 12 ގަޑިއިރުތެރޭ. މި ހުރިހާ ކަމެއް ވެސް ކުރީ ކުންފުނީގެ މުވައްޒަފުން،" އެމްޑީ އާދިލް މޫސާ ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް އޮތް ތާނގައި ހުޅުމާލެ ކުޑަކުދިންގެ ހިޔާއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތާނގައި ކުންފުނީގެ ބޯޑާ މަޝްވަރާކޮށް ބަޖެޓު ހޯދައިގެން ކުޑަކުދިންގެ ހިޔާ އަށް ކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"މިހާރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ޕްލޭން ކޮށްފައި އިންނާނީ ކުޑަކުދިން ކުޅޭނެ ރަނގަޅު ޖާގައެއް އަޅުގަނޑުމެންނަށް ލިބިއްޖިއްޔާމު ކުޅޭނެ ފުރުސަތު ހުޅުވާލައިގެން ނުވަތަ ކުޅޭ އެއްޗެހި ގަނެދީގެން ދެން އަޅުގަނޑުމެންގެ އަމިއްލަ ތަނެއްގެ ގޮތުގައި ބެލެހެއްޓުން،" އެމްޑީ އާދިލް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ، އެމްއޭސީއެލް އަކީ ރާއްޖޭގެ އޮތް އެންމެ ބޮޑު އެެއް ކުންފުނިކަމަށެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގައި އޮތް 100 ޕަސެންޓު ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދިވެހި ދައުލަތަށް އެންމެ ބޮޑު ނަފާއެއް ހޯދައިދޭ ކުންފުނި ކަމަށްވެސް އޭޖީ އަނިލް ވިދާޅުވި އެވެ.
"މި ކުންފުނިން އިސް ނަގައިގެން ސީއެސްއާރްގެ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު އަޅުގަނޑުމެންގެ މުޖުތަމައު ހާއްސަ އެހީތެރިކަމާއި ހާއްސަ އަޅާލުން އަދި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުޑަކުދިންނަށް އެހީތެރިވެދެއްވުމަށް... ނިންމަވާފައިވާތީ އެކަން އުފަލާއެކީ ފާހަގަ ކުރަން،" އޭޖީ އަނިލް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ހުޅުމާލެ ކުޑަކުދިންގެ ހިޔާއަށް ކޮމްޕިއުޓަރު ލެބް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި އޭޖީ އަށް ހަނދާނީ ހަދިޔާއެއް އަރުވަނީ --- ސަން ފޮޓޯ
މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެމްއޭސީއެލް ގެ ފަރާތުން މެޑަމް ފާތުން އާއި އޭޖީ އަނިލް އަށް ހަނދާނީ ހަދިޔާއެއް އަރުވާފަ އެވެ. އެ ދެބޭފުޅުންނަށްވެސް ހަނދާނީ ހަދިޔާ އެރުވީ އެމްއޭސީއެލް ގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ އެވެ.

އެމްއޭސީއެލް އިން ހުޅުމާލެ ކުޑަކުދިންގެ ހިޔާއަށް ހަވާލު ކުރި ކޮމްޕިއުޓަރު ލެބް ގެ ކޮމްޕިއުޓަރު ސިސްޓަމެއް --- ސަން/ފޮޓޯ
އެމްއޭސީއެލް އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހުޅުމާލެ ކުޑަކުދިންގެ އަށް ހިޔާ އެ ކުންފުނިން ހަދިޔާ ކުރި ކޮމްޕިއުޓަރު ލެބްގައި ހިމެނެނީ 15 ކޮމްޕިއުޓަރު ސިސްޓަމެވެ. އެ ކޮމްޕިއުޓަރު ސިސްޓަމްތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް އެމްއޭސީއެލް އިން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.