ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އުފެއްދުމަށް ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފި އެވެ.

އިސްލާހު އެގޮތަށް ފާސްކުރީ 53 މެމްބަރުންގެ ވޯޓުން ނެވެ. އެ އިސްލާހު ފާސްކުރުމާއި ދެކޮޅަށް ތިން މެމްބަރަކު ވޯޓު ދެއްވި އެވެ.

ބިލު ދިރާސާކުރި އިޖުތިމާއީ ކޮމެޓީން ބިލަށް ބައެއް ކުދިކުދި އިސްލާހުތައް ގެނެސްފައިވީ ނަމަވެސް ބިލަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައެއް ނުވެ އެވެ.

ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ބިލުގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެ މަޖިލިސް އެކުލަވާލައް ވާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ހޮއްވަވާ މެމްބަރަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރާ ފަނޑިޔާރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެމްބަރަކާއި ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރެކެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން ދިވެހިންގެ މެދުގައި އުފެދޭ ދީނީ ހިޔާލުތަފާތުވުންތައް ނައްތާލައި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ދީނީ އިލްމުވެރިންގެ މަހާސިންތާތައް ބާއްވަންވާނެ ކަމަށެވެ.

ދީނީ ފަތުވާދޭ މަޖިލީހުގެ ލަފައަށް އެދުމުގައި އަމަލު ކުރަންވީ ގޮތާއި ޝާއިއުކުރާ ފަތުވާތަކުގައި ފުރިހަމަވާން ޖެހޭ ސިފަތަކާއި ޝަރުތުތައް ބަޔާންކޮށް، މަޖިލީހުގެ އިދާރީ ކަންކަން ހިންގައި ރާވާނެ ގޮތް ބަޔާން ކުރާ ގަވާއިދުތައް ހަދަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އިސްލާމީ ފަތުވާދޭ މަޖިލީހެއް އުފެއްދުމަށް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި އިރު، ދީނީ ކަންކަމުގައި ފަތުވާ ދިނުމަށް ފިގުހު އެކަޑަމީއެއް އޮވެ އެވެ. ފިގުހު އެކަޑަމީއަކީ އިސްލާމިކް މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އުފައްދާފައިވާ އެކަޑަމީއެކެވެ. އެ އެކަޑަމީގެ މަސައްކަތް ކުރިއަށް ގެންދެ އެވެ. އެންމެފަހުން އެ އެކަޑަމީން ނިންމި މައްސަލައެއް އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.