ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދު ކުރުމަށްޓަކައި، ކަނޑު އުޅަނދުތަކުގައި ހުންނަ މެޝިންތަކަކީ އުޅަނދުގެ ކެޕްޓަންކަމުގައި ބަލައިގެން ނުވާނެ ކަމަށް ކޯސްޓްގާޑުގެ ކެޕްޓަން، ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެލިއާ އިންވެސްޓްމެންޓުގެ ފަރާތުން، ބޯޓު އޮޕަރޭޓަރުންނަށް ޚާއްސަކޮށްގެން މިއަދު ފެށި ތަމްރީނު ޕްރޮގްރާމުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ނިސްބަތުން މަދުން ނަމަވެސް ކަނޑުމަތީގެ އެކްސިޑެންޓުތަކާއި ހާދިސާތަކެއް ހިނގާ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބި، އޭގައި ކޮންމެ މީހެއް ގޯސްވި ކަމުގައި ވިޔަސް އެއީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މަދުން ނަމަވެސް މިކަން ހިނގާ. މިކަންކަން ރަނގަޅު ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ،" ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އެލިއާގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ -- ސަން ފޮޓޯ/މާހިލް މުހައްމަދު

ކޮމާންޑަރު ވިދާޅުވީ، ނުރައްކާތެރި ހާދިސާތައް މަދު ކުރެވޭނީ ކުޑަކުޑަ މަސައްކަތެއް ކޮށްގެން ކަމަށާއި، އެއީ ބޯޓުތަކުގައި އޮޕަރޭޓުކުރާ މެޝިނަރީގެ ކޮންޓްރޯލު އިންސާނުން ނެގުން ކަމަށެވެ.

"އަޅުގަނޑުމެން އޮޕަރޭޓު ކުރާ މެޝިނަރީ، އަޅުގަނޑުމެންގެ ބާރުގެ ދަށުގައި އޮތް، ދަންނަ އެއްޗަކަށް ހަދަން [ޖެހޭ]. އޭގައި އިންނަ ޖީޕީއެސްއަކީ ކެޕްޓަނުކަމުގައި ނުބައްލަވާ. ކެޕްޓަނަކީ ތިބޭފުޅުން،" ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

އެލިއާއިން ބޯޓު އޮޕަރޭޓަރުންނަށް މި ޓްރެއިނިންގ ޕްރޮގްރާމް ހިންގާ މިއީ ތިންވަނަ ފަހަރެވެ. އެލިއާއިން ބުނާ ގޮތުގައި، އެކުންފުނީގެ ސީއެސްއާރު ހަރަކާތެއްގެ ގޮތުގައި މި ތަމްރީނު ޕްރޮގްރާމު ހިންގަނީ ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތައް ހިނގިޔަ ނުދޭނެ ގޮތަކަށް އޮޑިވެރިން ތަމްރީނު ކުރުމުގެ މަގުސަދުގަ އެވެ.