12 Apr 2016, 13:35
ބްރެސިލިއާ (އޭޕްރިލް 12): ހިޔާނާތުގެ މައްސަލައެއްގައި ބްރެޒިލްގެ ރައީސާ، ޑިލްމާ ރޫސެފްއާގެ މައްޗަށް ދައުވާ ކުރުމަށް އެ ގައުމުގެ ކޮންގްރެސްގެ ކޮމެޓީން ނިންމައިފި އެވެ.
ރޫސެފްގެ މައްޗަށް ކޮށްފައި ވަނީ 2014 ގައިގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ބްރެޒިލްގެ ހީނަރުވަމުންދާ ބަޖެޓާ ބެހޭ ގޮތުން އޮޅުވާލުމުގެ ސަބަބުންނެވެ.
ރޫސެފްއަށް ދައުވާ ކުރުމަށް ކޮންގްރެސްގެ ކޮމިޓީން ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ. ދައުވާ ކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 27 މެމްބަރުންނެވެ. އެ ކޮމިޓީގެ ވޯޓަށް ފަހު އަންނަ އާދިއްތަ ދުވަހު އޮންނަ މަޖިލީހުގެ ތިރީގޭގެ ހުރިހާ މެމްބަރުންގެ ވޯޓުން، ތިން ބައިކުޅަ ދެބައި މެމްބަރުން ރައީސަށް ދައުވާ ކުރަން ތާއިދު ކުރާ ނަމަ، އެ މައްސަލަ ސެނެޓަށް ފޮނުވާނެ އެވެ. އަދި ރޫސެފްގެ ޝަރީއަތް ކުރިއަށް ގެންދަން ސެނެޓުން ނިންމައިފިނަމަ އޭނާ ރައީސް ކަމުން ސަސްޕެންޑު ކުރެވޭނެ އެވެ. އޭރުން ގައުމު ހިންގުމުގެ ޒިންމާ ނަންގަވާނީ ނައިބު ރައީސެވެ.
ރޫސެފް ވަނީ އޭނާއާ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި އިދިކޮޅު ޕާޓީން މިހާރު މަސައްކަތް ކުރަމުން ދަނީ ބަޣާވާތަކުން ސަރުކާރު ވައްޓާލަން ކަމަށް ވިދާޅުވެފަ އެވެ.
ބްރެޒިލްއަށް ދިމާވެފައިވާ އިގުތިސާދީ ހީނާރު ކަމުގެ ސަބަބުންނާއި ގައުމުގެ އިސްވެރިންގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތި ވުމުގެ ސަބަބުން ރޫސެފްގެ ސަރުކާރަށް ވާގިވެރިވި ގިނަ ޕާޓީތަކުން ވަނީ ސަރުކާރުގެ ކޯލިޝަނާ ވަކިވެފަ އެވެ. އަދި ބްރެޒިލްގެ ގިނަ ރައްޔިތުން ދަނީ ރޫސެފް އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. (އަލްޖަޒީރާ)