ކާޅެއްގެ މައްސަލައިގައި ލ. މާމެންދޫ އަންހެނަކު، ރަށުގެ އެހެން އަންހެނެއްގެ މައްޗަށް ދައުވާކުރި މައްސަލައިގެ ޝަރީއަތް ފަށައި ކޯޓުން ބޭރުގައި މައްސަލަ ނިންމަން ދެ ފަރާތަށް ކޯޓުން އަންގައިފި އެވެ.

ކާޅުގެ މައްސަލަ ބަލާ، ލ. ފޮނަދޫ ކޯޓުގެ ލީގަލް އޮފިސަރު ވިދާޅުވީ މާމެންދޫ ދިއްގާގަސްދޮށުގެ ފާތުމަތު ނަދާގެ ކާޅެއް އެރަށު ކުނަހަންދޫގޭ ސަންފާ އަބޫބަކުރު ވަގަށް ނެގި ކަމަށް ބުނެ ކާޅު މިނިވަން ކުރުމަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށައި ދެ އަޑު އެހުމެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. ކާޅުގެ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ކާޅު މަރުވެފައިވާތީ ދައުވާ ކުރާ ފަރާތް، ކާޅުގެ ބަދަލަށް 50ރ. ނަގައި ދިނުމަށާއި ދައުވާ ލިބޭ ފަރާތް 50ރ. އިން ޖޫރިމަނާ ކުރުމަށް އެދިފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.

"މައްސަލައާ ގުޅިގެން ދެ ފަރާތް ކޯޓަށް ހާޒިރު ކުރުމުން ދެ ފަރާތުން ވަނީ ޖަވާބުދާރީވެފައި. މައްސަލަ ހުށަހެޅި ފަރާތް )ނަދާ( ބުނަނީ އެ ކާޅަކީ އޭނާ އޮޅުވެލިން )ލ. އަތޮޅުގައި އޮންނަ ރިސޯޓެއް( ފަންސާސް ރުފިޔާއަށް ގަނެފައިވާ ކާޅެއް ކަމަށް. ސަންފަ ކާޅު ގެންގޮސްފައި ވަނިކޮށް ކާޅު މަރުވުމުން އޭގެ ބަދަލަށް 50ރ. ޝަރީއަތުން އެކީ އެއްފަހަރާ ނަގައި ދިނުމަށް،" ކޯޓްގެ ލީގަލް އޮފިސަރު ވިދާޅުވި އެވެ.

ކާޅުގެ މައްސަލައަށް ޖަވާބުދާރީވުމުގެ ގޮތުން ސަންފަ ކޯޓުގައި ބުނެފައި ވަނީ އެ ކާޅު ވަގަށް ނަގާފައި ނުވާނެ ކަމަށާއި ކާޅު ގެންދިޔައީ ރަށު ކައުންސިލް އިދާރާގެ ފާރުމަތީގައި އިންދާ އޭނާގެ ދަރިއަކު ކަމަށެވެ. އަދި އެ ކާޅަކީ އޭނާ ގެންގުޅެނިކޮށް މީގެ ތިން މަސް ކުރިން ގެއްލިފައިވާ ކާޅެއް ކަމަށް ވެސް ކޯޓުގައި ބުންޏެވެ.

ކޯޓުން ބުނީ މި މައްސަލައިގައި ދެ އަޑު އެހުމެއް ބޭއްވުމަށް ފަހު ކޯޓް ބޭރުގައި މީޑިއޭޝަނަކަށް ގޮސް ދެފަރާތް ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން ކާޅުގެ މައްސަލަ ނިންމުމަށް ފުރުސަތު އަރުވާފައިވާނެ ކަމަށާއި އެ ފުރުސަތުގައި ދެ ފަރާތަށް އެކަން ހައްލު ނުކުރެއްވިއްޖެ ނަމަ ކޯޓުގައި އަލުން މައްސަލަ ހިންގައި ހެކިން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފަހު މައްސަލައިގައި ގޮތެއް ނިންމާނެ ކަމަށެވެ.

"މައްސަލަ ހުށަހެޅި ފަރާތުން ޖެހޭނެ އެއީ އެފަރާތުގެ ކާޅެއްކަން ސާބިތުކޮށްދޭ. އެނެއްކޮޅުން ވެސް ޖެހޭނެ އެގޮތެއް ސާބިތުކޮށްދޭނެ،" ކޯޓުގެ އޮފިޝަލު ވިދާޅުވި އެވެ.

ކާޅެއްގެ މައްސަލަ މާމެންދޫގައި ފެންމަތިވެގެން އައީ މިދިއަ މަހުގެ 13 ވަނަ ދުވަހު އެވެ. އެ ގޮތުން ނަދާ، އޭނާގެ ކާޅެއް ސަންފަ ވަގަށް ނެގި ކަމަށް ބުނެ ފުރަތަމަ ހުށަހެޅީ މާމެންދޫ ކައުންސިލަށެވެ. އެކަމާ ގުޅިގެން ސަންފައާ ނަދާ ހާޒިރުކޮށް ނަދާގެ ކާޅެއް ވަގަށް ގެންދިޔައިންތޯ ސުވާލު ކުރުމުން ސަންފާ އެކަމަށް އެއްބަސްވެ ކާޅު ނުދޭނެ ކަމަށް ބުނި ކަމަށް ކައުންސިލުން އޭރު ބުންޏެވެ. އެކަމާ ގުޅިގެން ނަދާ މަދަނީ މައްސަލައެއްގެ ގޮތުގައި ކޯޓުގައި ފުރަތަމަ ދައުވާ ކުރީ ސަންފާގެ އަތް ދަށުން ކާޅު މިނިވަންކޮށް ނަދާއާ ހަވާލު ކުރުމުގެ އަމުރެއް ނެރެ ދިނުމަށެވެ. ނަމަވެސް ކާޅުގެ މައްސަލަ ކޯޓުގައި ފަށައިގަތުމުގެ ކުރިން ކާޅު ވަނީ މަރުވެފަ އެވެ. ކާޅު މަރުވީ ސަންފަގެ ގޭގެ ބަދިގޭ ތެރޭގައި ކާޅު ބަނދެފައި އިންދާ ކަމަށް ސަންފަ ވަނީ އަމިއްލައަށް ރަށު ކައުންސިލަށް އަންގާފަ އެވެ.