ސައްހަ ނޫން ލިޔެކިޔުންތަކެއް ސިވިލް ކޯޓަށް ހުށަހަޅައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުންޏަކަށް ހޯދައި ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެމްޕީއެލްގެ ގާނޫނީ ވަކީލު ޖައުފަރު ރަޝީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ މި މަހުގެ ތިން ވަނަ ދުވަހު އޭސީސީން އެ މައްސަލަ އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިވެޓު ކުންފުންޏެއްގެ ފަރާތުން ޓަގު ބޯޓެއް ބަނދެ އެމްޕީއެލް އަށް ސަޕްލައިކުރުމަށް ހިންގި ޕްރޮޖެކްޓަކާ ގުޅިގެން އެ ޕްރޮޖެކްޓު ހުއްޓުވާފައި ބޭއްވި މުއްދަތަށްވާ އައިޑަލް ޗާޖާއި އެ ކުންފުނިން ފޮނުވި އިންވޮއިސްއަށް އޭގައި ބުނާ މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ އިންވޮއިސްގައިވާ ފަދައިން ސާޗާޖަށްވާ ފައިސާ އާއި ޖީއެސްޓީއަށްވާ ފައިސާއާއެކު ޖުމްލަ 21.1 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން އެމްޕީއެލްގެ މައްޗަށް ދައުވާ ކުރި ކަމަށެވެ.

އެ ކުންފުނީގެ ފަރާތުން އެމްޕީއެލްއަށް ދޭ ލުޔެއްގެ ގޮތުގައި އެ ފައިސާގެ ތެރެއިން 2،000،000 ރުފިޔާ އުނިކުރުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓު ރޮޒޮލިއުޝަންގެ މަރުހަލާގައި ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ފައިސާ އުނިކުރުމުން ބާކީވާ 19.1 މިލިއަން ރުފިޔާއަކީ އެ ދައުވާއާ ގުޅިގެން އެކުންފުނީގެ ފަރާތުން އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.

އެ މައްސަލާގައި ކޯޓަށް ހުށަހަޅާފައިވާ ބޯޑު ސެކްރެޓޭރިއޭޓް މެމޯގައިވާ ކޮށްފައިވާ ސޮޔާއި އެމްޕީއެލްގެ ކުރީގެ ސީއީއޯގެ ސޮޔާ ތަފާތުއިރު، އެމްޕީއެލްގެ 2015 ވަނަ އަހަރުގެ ބޯޑު ރިސޮލިއުޝަންތަކުން އެފަދަ ނިންމުމެއް ނިންމާފައިނުވާކަން އެނގެން އޮންނަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އޭސީސީގެ ބަޔާނުގައި ވަނީ ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތައް އޭނާ އަށް ލިބުނީ ޕްރައިވެޓު ކުންފުނިން މެއިލް ކުރުމުން ކަމަށް އެމްޕީއެލްގެ ގާނޫނީ ވަކީލު ވިދާޅުވާއިރު، އެ ލިޔުންތަކަކީ ސައްޙަ ލިޔުންތަކެއްތޯ ބެލުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ތަހުގީގުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.

އެފަދަ ލިޔުމެއް އީމެއިލް މެދުވެރިކޮށް ކުއްލިއަކަށް ލިބުމުން އެމްޕީއެލްގެ އިސްވެރިންނާ މަޝްވަރާކުރުމަކާ ނުލައި އަދި އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ރޮޒޮލިއުޝަނަކާ ނުލައި އެ ލިޔުންތައް ކޯޓަށް ހުށަހެޅުމުން އެކަމުގައި ގާނޫނީ ވަކީލު އިހުމާލުވެފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ގާނޫނީ ވަކީލު ހުށަހެޅި ބޯޑް ސެކްރެޓޭރިއޭޓް މެމޯއާއި ސިޓީއަކީ އޭނާ ތަމްސީލުކުރި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ދިފާއުގައި ހުށަހެޅި ހެއްކާއި ގަރީނާއެއް ނޫންކަމަށް ތަހުގީގަށް ލިބިފައިވާ ހެކިތަކުން ބެލެވެން އޮތަތީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން އޭނާ އަދާކުރަންޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކޮށްފައި ނުވާތީ އާއި އޭނާގެ މި އަމަލުގެ ސަބަބުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްވަކި ބަޔަކަށް މަންފާތަކެއް ހޯދަން މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ،" އޭސީސީސގެ ބަޔާނުގައި ވެއެވެ.