12 Apr 2016, 13:35
ވެލި ބަރުކޮށްގެން ދިޔަ ރިސޯޓެއްގެ ދޯންޏެއް އަޑިއަށް ދިޔަތާ އެއް ދުވަސްވީއިރުވެސް ފުލުހުންނާއި ސިފައިންނަށް އެކަން ނާންގައި "ސިއްރުކޮށްގެން" އުޅެނިކޮށް، އާންމު ފަރާތަކުން ފުލުހުންނަށް އެކަން އަންގައިފި އެވެ.
ވެލި ބަރުކޮށްގެން ދަނިކޮށް އަޑިއަށް ގޮސްފައި ވަނީ ބ. އަތޮޅުގައި އޮންނަ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގެ ދޯންޏެކެވެ. އެ ދޯނި އިއްޔެ އަޑިއަށް ދިއުމުން، ރިސޯޓުގެ އެހެން އުޅަނދަކުން ވަނީ އޭގައި ތިބި ފަސް މީހުން ސަލާމަތްކޮށްފަ އެވެ.
ބ. ތުޅާދޫ ކައުންސިލުން "ސަން"އަށް ބުނީ އެ ދޯނިން ވެލި ނަގާފައި ވަނީ މާވަރު ފަޅުން ކަމަށާއި އެތަނަކީ ބަޔޮސްފިއާ ރިޒާވްގައި ހިމަނައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ރިސޯޓުގެ ބަހެއް ހޯދުމަށް "ސަން"އިން ގުޅާލުމުން، އެ ރިސޯޓުން ބުނީ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށާއި އިތުރު މައުލޫމާތެއް ދެވެން ނެތް ކަަމަށެވެ.
ވެލި ބަރުކޮށްގެން ދަނިކޮށް ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގެ ދޯނި އިއްޔެ މެންދުރު އަޑިއަށް ދިއުމުން އެ ރިސޯޓުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން އިއްޔެ އެކަން އަންގާފައި ނުވާ ކަމަށް ސިފައިންނާއި ފުލުހުންގެ މީޑިއާއިން ބުންޏެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ އިއްޔެ ހިނގި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 10:30 ހާއިރު އާންމު ފަރާތަކުން ކަމަށެވެ.
އެ ހާދިސާ ހިނގި ގޮތް ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު ވިދާޅުވީ އަޑިއަށް ދިޔަ ދޯނީގެ އިންޝުއަރެންސް ކަންތަކަށް ބޭނުންވާ ރިޕޯޓެއް ހޯދުމަށް އެ ރިސޯޓުން އެމްއެންޑީއެފަށް މިއަދުގެ ވަގުތެއްގައި އެކަން އެނގި ކަމަށެވެ.
ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގި ކަމަށް ބުނެ ތުޅާދޫ ކައުންސިލުން ވަނީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހަށް އެ މައްސަލަ ހުށަހަޅައިފަ އެވެ.
ބަޔޮސްފިއާ ރިޒާވުން ބުނީ މިއަދު އެފަދަ ރިޕޯޓެއް ލިބިފައިވާ ކަމަށާއި، މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށެވެ.
އެ ދޯނިން ވެލި ނަގާފައި ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ކަން ނުވަތަ ނޫންކަން ވެސް ޔަގީންކަމާ އެކު އަދި ދެންނެވެން ނެތް ކަމަށް ބަޔޮސްފިއާ ރިޒާވުން ވަނީ ބުނެފަ އެވެ.