12 Apr 2016, 10:39
މާލެ އާއި ހުޅުލެއާ ދެެމެދު އަޅާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު"ގެ ޕްލެޓު ފޯމުތައް އަންނަ ހަފްތާގައި ބަހައްޓަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ޕްލެޓު ފޯމުތައް ޖަހަން ޖެހޭ ހުރިހާ ޕައިޕުތަކެއް ވެސް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން 20 ޕައިޕެއް ޖަހަން ޖެހޭ ކަމަށާއި އޭގެ ތެރެއިން އިއްޔެއާ ހަމައަށް ނުވަ ޕައިޕެއް މިހާރު ޖަހާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެ ޕައިޕުތަކުގެ ތެރެއިން 10 ވަނަ ޕައިޕު މިއަދު ޖަހާނެ. ޖަހާފައި މިއަންނަ ހަފްތާގެ ތެރޭގައި ޕްލެޓު ފޯމުތައް ބަހައްޓާނެ. އަދި ޕްލެޓު ފޯމުތައް ބަހައްޓާ ނިމުނީމާ ދެން މެއިން ބުރިޖުގެ ޕައިޕުތައް ފައުންޑޭޝަން ޕައިލްތައް ޖެހުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވެސް ފެށިގެންދާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ހައުސިން މިނިސްޓަރާ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަނީ--- މަޖިލިސް ފައިލް ފޮޓޯ
މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ ކުރިން ވެސް ތާވަލު ކުރެވިފައިވާ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ބުރިޖުގެ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ފެށިގެން ދަނީ ތާވަލު ކުރެވިފައިވާ ދުވަސްތަކަށް ވުރެ އަވަހަށް ކަމަށެވެ.
"ބުރިޖުގެ ހުރިހާ ކަމެއް ހައުސިން މިނިސްޓްރީން ވެސް ވަރަށް ގާތުން ބަލަމުން ދަނީ. އަދި އެ މަސައްކަތް ކުރިއަށް ދަނީ ވެސް އިރާދަކުރެއްވިއްޔާ ރަނގަޅަށް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބުރިޖުގެ ކޮންސްޓްރަކްޝަން ފޭހުގައި 191 މިލިއަން ޑޮލަރު ހަރަދުވެގެން ދާނެ ކަމަށެވެ. އަދި ބުރިޖުގެ ޑިޒައިން ކޮންސަލްޓަންސީ އަށް 12 މިލިއަން ޑޮލަރު ހަރަދު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މަސައްކަތަށް ޖުމުލަ 210 މިލިއަން ޑޮލަރު ހޭދަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.