ލެސްޓާ ސިޓީއަށް ހިތުގައި ހާއްސަކަމެއް އުފެދިފައިވާ ކަމަށް ކުރިން ބާސެލޯނާއާއި، އިންޓަ މިލާން އަދި ޗެލްސީ ފަދަ ކާމިޔާބު ޓީމުތަކަށް ކުޅުނު ފޯވަޑް ސެމުއެލް އެޓޫ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ވެސްޓް ހާމްއާ ދެކޮޅަށް ކުޅުނު މެޗު، 2-0 ލަނޑުން މޮޅުވެ، ލެސްޓާއިން ވަނީ އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ހަތް ޕޮއިންޓްގެ ލީޑަކާއެކު ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލެސްޓާއަށް ބާކީ އޮތީ ފަސް މެޗެވެ.

މި ސީޒަނުގައި ލެސްޓާގެ ކޯޗުކަމާ ހަވާލުވި، ކާމިޔާބު ކޯޗު ކްލައުޑިއޯ ރަނިއެރީ އަށް ވެސް ކެމަރޫން ފޯވަޑް އެޓޫ ވަނީ ތައުރީފް ކޮށްފަ އެވެ.

ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ -- ފޮޓޯ: އޭޕީ

"މިހާރު އަހަރެންގެ ހިތުން ލެސްޓާ ޖާގަ ހޯދައިފި. ޖެމީ ވާޑީ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު އަސްލު މޮޅީ، އެ ޓީމުގެ ކޯޗު ރަނިއެރީ. މިއީ އެންމެންނަށް ވެސް ހައިރާންކަން ގެނުވާނެ ކަމެއް. އަދި އެ ޓީމު ޔަގީނުން ވެސް ޕްރިމިއާ ލީގު ކާމިޔާބުކުރާނެ،" އޭނާ ބުންޏެވެ.

ލެސްޓާއިން ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅުވެފައިވާ އިރު، އޭގެ ތެރެއިން އެއްވެސް މެޗެއްގައި ލެސްޓާގެ ގޯލަށް ލަނޑެއް ވަދެފައެއް ނުވެ އެވެ.

ލީގުގައި ލެސްޓާ ކުޅޭ، ފަހު ފަސް މެޗުގައި ނުކުންނަން ޖެހޭނީ ވެސްޓް ހާމް، ސްވަންސީ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، އެވަޓަން އަދި ޗެލްސީއާ ދެކޮޅަށެވެ. އެހެންކަމުން ލެސްޓާއަށް ލީގު ކަށަވަރުވެއްޖެ ނަަމަ، އެ ޓީމުން ތަށި އުފުލާލާނީ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ ދަނޑު، ސްޓެމްފަޑް ބުރިޖްގައެވެ.