12 Apr 2016, 10:33
އާދިއްތަ ދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ޑޭވިޑް ކެމެރަން ވަނީ ޓެކްސް ދެއްކުމުގައި ހިޔާނާތްތެރިވެފައިނުވާނެކަން ދެއްކެވުމަށް ޓަކައި އޭނާގެ ޓެކްސް ރިކޯޑު އާއްމު ކުރައްވާފައިފަ އެވެ. ނަމަވެސް، 2011 ވަނަ އަހަރު ކެމެރަންގެ މަންމާފުޅު ވަނީ ކެމެރަންގެ އެކައުންޓަށް 200،000 ޕައުންޑް ޓްރާންސްފާ ކޮށްފައި ކަން އެނގުމުން ޓެކްސް ދެއްކުމުގައި ހިޔާނާތްތެރިވުމުގެ ތުހުމަތުތަށް ވަނީ އަނެއްކާ ވެސް ފެންމަތިވެފަ އެވެ. އިއްޔެ އޮތް މަޖިލިސް ބައްދަލުވުމެއްގައި ކެމެރަން ވަނީ އެތުހުމަތުތަކަށް ރައްދު ދެއްވައިފަ އެވެ.
އަމިއްލަ ޓެކްސް ރިކޯޑުތައް އާއްމު ކުރެއްވި ފުރަތަމަ ބޮޑު ވަޒީރަކަށް ކެމެރަންވެ ވަޑައިގަތީ ޕެނަމާގެ ލޯ ފާމެއް ކަމަށްވާ މޮސެކް ފޮންސެކާ އިން ހިދުމަތް ހޯދި ބޭފުޅުންގެ ތެރޭގައި ކެމެރަންގެ ބައްޕާފުޅު ހިމެނުމުން، އެއާއިލާ އިން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތުކޮށް، ކެމެރަން އިސްތިއުފާ ދެއްވުމަށް ގޮވާލުމުންނެވެ. ކެމެރަންގެ ބައްޕާފުޅު ވަނީ 2010 ވަނަ އަވަހަރާވެފަ އެވެ. ބޮޑުވަޒީރު ކެމެރަންގެ މަންމާފުޅު ކެމެރަންގެ އެކައުންޓަށް ދެލައްކަ ޕައުންޑު ޖަމާ ކުރެއްވީ އޭގެ އެއް އަހަރު ފަހުންނެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި ކެމެރަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައި ވަނީ އާއިލާ ދަރިކަލުންގެ މެދުގައި އެއްވަރަކަށް މުދާ ބެހުމުގެ ގޮތުންނެވެ. ނަމަވެސް، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ކެމެރަންގެ މަންމާފުޅު އެ ފައިސާ "ހަދިޔާ"އެއްގެ ގޮތުގައި ކެމެރަންއަށް ދެއްވާފައި ވަނީ ފައިސާ ވާރުތަވުމުން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.
އިއްޔެ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ކެމެރަން ވިދާޅުވީ، ގާނޫނީ ގޮތުން މަސައްކަތްކޮށްގެން ފައިސާ ހޯދަން މަސައްކަތް ކުރާ ރައްޔިތުންގެ ހައްގު ސަރުކާރުން ދިފާއު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ސަރުކާރުން ތާއިދު ކުރަން ޖެހޭނެ ކަމަށެވެ.
"މުދާ ހޯދުމާއި ކާމިޔާބީ އަށް އެދުމަކީ ހަޑި ބަސްތަކެއް ނޫން. އެއީ އަޅުގަނޑުމެންގެ ގައުމުގެ ކުރިއެރުމާއި ތަރައްގީގެ މައި އިންޖީނުތައް ކަމުން އަޅުގަނޑުމެން ޖެހޭނެ [މުދަލުގެ] ހިއްސާ ހޯދަން ބޭނުންވާ ފަރާތްތަކާއި އެމީހުންގެ އާއިލާއަށް ޓަކައި އިންވެސްޓު ކުރާ ފަރާތްތަކަށް ތާއިދު ކުރަން،" ކެމެރަން ވިދާޅުވި އެވެ.
މީގެ އިތުރުން، ކެމެރަން ވަނީ ބައެއް ފަރާތްތަކުން ދަނީ އޭނާގެ ބައްޕާފުޅުގެ ނަންފުޅު ހަޑި ކުރަމުން ކަމަށް ވިދާޅުވެ ނުރުހުން ފާޅު ކުރައްވާފަ އެވެ.
ބޮޑުވަޒީރު ކެމެރަންގެ ޓެކްސް ރިކޯޑުން ދެއްކި ގޮތުގައި، ފާއިތުވި ހަ އަހަރު ތެރޭގައި އޭނާ އަށް ލިބިލެއްވި 1.1 މިލިއަން ޕައުންޑުގެ ތެރެއިން ކެމެރަން ވަނީ ޓެކްސްގެ ގޮތުގައި 400،000 ޕައުންޑް ދައްކަވާފަ އެވެ. (ޓެލެގްރާފް)