12 Apr 2016, 10:35
ވޮޝިންޓަން (އެޕްރީލް 12): އެމެރިކާގެ ސިޔާސީ މަސްރަހަށް މުއްސަނދިންނާއި ފައިސާގެ ބާރާއި ނުފޫޒު ހިނގަމުންދާ މައްސަލަ ހައްދު ފަހަނަޅާ ގޮސްފައި ވާތީ އެކަމާ ދެކޮޅަށް މުޒާހަރާ ކުރި އާންމުންގެ އެތައް ސަތޭކަ ބަޔަކު، އެމެރިކާގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
މަޑުމައިތިރިކަމާ އަދި ސުލްޙަވެރިކަމާއެކު އެތައް ސަތޭކަ ބަޔަކު މި މުޒާހަރާތައް ކޮށްފައި ވަނީ ކޮންގްރެސްގެ އިމާރާތް ކަމަށްވާ ކެޕިޓަލް ހިލް އިމާރާތުގެ ކުރިމަތީގައިވާ ސަރަހައްދުތަކުގަ އެވެ. ނަމަވެސް އެމެރިކާ ގެ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެ މުޒާހަރާ ރޫޅާލައި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން 400 މީހުން ހައްޔަރުކޮށްފަ އެވެ. އެމެރިކާގެ ފުލުހުން މި ބައި މީހުން ހައްޔަރު ކުރީ ޣައިރު ގާނޫނީ ގޮތަކަށް އެއްވެ މުޒާހަރާ ކުރި ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން އެ މުޒާހަރާގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކް ހުއްޓުމަކަށް އައިސް ދަތުރުފަތުރު ކުރާ މީހުންގެ ހައްގުތަކަށް ހުރަސް އެޅި ކަމުގެ ތުހުމަތު ވެސް އެމެރިކާގެ ފުލުހުން ވަނީ މުޒާހަރާ ކުރި މީހުންގެ މައްޗަށް ކޮށްފަ އެވެ. ޑިމޮކްރެޓިކް ރަބީއުގެ ނަމުގައި ސިލްސިލާ ގޮތެއްގައި އެމެރިކާގައި ކުރިއަށް ގެންދަން ރާވާފައި އެ މުޒާހަރާތައް އިންތިޒާމް ކޮށްފައި ވަނީ އެމެރިކާގެ މުއްސަނދިންގެ ބާރާއި ނުފޫޒުގެ ސަބަބުން ހައްގުތައް ގެއްލެމުންދާ އެމެރިކާގެ އާންމުންނެވެ. މީގެ ތެރޭގައި ގިނަ އަދަދަކަށް ޒުވާނުން ހިމެނެއެވެ. އެމެރިކާއަކީ އެ ގައުމުގެ ޚަޒާނާގެ 90 އިންސައްތަ މަދު އަދަދެއްގެ މުއްސަނދިން ކޮންޓްރޯލް ކުރަމުން ގެންދާ ގައުމެކެވެ. އެމެރިކާގެ 90 އިންސައްތަ މީހުންނަށް ލިބެނީ އެގައުމުގެ މުއްސަނދިކަމުގެ އެންމެ 10 އިންސައްތަ އެވެ.
މީގެއިތުރުން އެމެރިކާގެ ސިޔާސީ މަސްރަހާއި ޝަރުއީ ދާއިރާ އާއި މީޑިއާ ވެސް ނުސީދާ ގޮތެއްގައި ކޮންޓްރޯލް ކުރަނީ އެމެރިކާގެ މުއްސަނދިންނާއި ބޮޑެތި ކުންފުނިތަކުންނެވެ. އެމެރިކާގެ މުއްސަނދިންނާއި ބޮޑެތި ކުންފުނިތަކުގެ މަސްލަހަތާ އެއްގޮތަށް ނޫނީ އެމެރިކާގެ ކޯޓުތަކުން ވެސް އެއްވެސް މައްސަލައެއް ނުނިމެ އެވެ. މީޑިއާގެ ހާލަތު ވެސް އޮތީ މި ގޮތަށެވެ. އަދި އެމެރިކާގެ ޕާލަމެންޓް ކަމަށްވާ ކޮންގްރެސްގެ ދެ ގެ އާއި ވެރިކަމުގެ އިދާރާ، ވައިޓް ހައުސްއަކީ ވެސް އެމެރިކާގެ މުއްސަނދިންނާއި ބޮޑެތި ކުންފުނިތަކުން ނުސީދާގޮތެއްގައި ކޮންޓްރޯލް ކުރާތަންތަނެވެ.
މުއްސަނދިންނާއި ބޮޑެތި ކުންފުނިތަމިތަންތަން ކޮންޓްރޯލް ކުރަނީ ރިޔާސީ އިންތިޚާބާއި ކޮންގްރެސްގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް އެ ފަރާތްތަކުން ދޭ ފައިސާގެ އެހީގެ ތެރެއިންނެވެ. އެމެރިކާއަކީ ޑިމޮކްރަސީގައި އެހެން ގައުމުތަކަށް ފިލާވަޅުދޭ ގައުމެއް ކަމަށްވިޔަސް އެމެރިކާގެ ވެރިކަމުގެ ނިޒާމުގެ ހާލަތު އެހެން ގައުމުތަކަށްވުރެ ވެސް ބައެއްކަންކަމުގައި ގޯހެވެ. އިއްޔެގެ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފައިވަނީ ވެސް މިއީ އެމެރިކާއަށް އަތްގަދަކޮށްފައިވާ ނުފޫޒުގަދަ މުއްސަނދިންނާއި ބޮޑެތި ކުންފުނިތަކުގެ މަސްލަހަތާ ދެކޮޅަށް އެ ގައުމުގެ އާންމު ރައްޔިތުން ތެދުވެ އުތުރި އެރުމެއްގެ ފެށުންކަމުގެ ބިރު ހީވެފައިވާތީ ކަމަށް މުރާސިލުން ބުނެއެވެ.
މީގެކުރިން ވެސް އެމެރިކާގެ ސަލާމަތީ ބާރުތަކުން ވަނީ ވޯލްސްޓްރީޓް އާ ދެކޮޅަށް (އެމެރިކާގެ މަހުޖަނުންނާއި ކުންފުނިތަކާ ދެކޮޅަށް) އެމެރިކާގެ އާންމުން މީގެ ދެތިން އަހަރު ކުރިންކުރި ސިލްސިލާ މުޒާހަރާތަކެއް (އުތުރިއެރުންފަދަ ގޮތަކަށް) ވަރަށް ހީލަތްތެރިގޮތަކަށް ހުއްޓުވައި އެތަށް ބަޔަކު ހައްޔަރުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)