04 May 2011, 10:36
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އޮތް ހަމަ އެކަނި ގޮތަކީ ދައުލަތުގެ ރިކަރަންޓް ހަރަދުކުޑަކޮށް އުފެއްދުންތެރިކަން އިތުރުކުރުން ކަމަށް ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ޑޮލަރުގެ އަގަށް ގެނައި ބަދަލާ އެކު ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި އަދި އެކޮނޮމިކް މިނިސްޓްރީން ގުޅިގެން އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާދިފަހުން މަޖިލީހުން ރުހުން ދިން ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކޮށް ބާޒާރު ހަމަ މަގަށް އެޅުވުމަށް އޮތް ހަމަ އެކަނި ހައްލަކީ ލިބޭ އާމްދަނީ އާއި ދައުލަތުގެ ހަރަދުތައް އެއްވަރުކޮށް ދައުލަތުގެ ދަރަނި ކުޑަކުރުންކަމަށާއި ރާއްޖޭގެ އިގްތިސޯދު ފުޅާކޮށް އުފެއްދުންތެރިކަން އިތުރުކުރުން ކަމަށެވެ.
"މިނޫން ހައްލެއް އަޅުގަނޑުމެން މަގުމަތިން ވެސް ނުހޯދޭނެ. އެހެން ނޫނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ދިމާވި ފަދަ ހިތި ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހިދާނެ،" ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވަމުން އިނާޒް ވިދާޅުވި އެވެ.
ސަރުކާރުގެ ފިޔަވަޅުތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތާއީދު އޮތްކަން ހާމަ ކުރައްވަމުން އެ ބޭންކުގެ ގަވަރުނަރު ފަޒީލް ނަޖީބް ވިދާޅުވީ ޑޮލަރުގެ މައްސަލަ އާއި ބާޒާރު ހަމަ މަގަށް އެޅުވުމަށް އޮތް ހައްލަކީ އިގްތިސޯދު ފުޅާކުރުން ކަމަށާއި ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައި އޮތް އޮތުން ނައްތާލާއި އެހެން ގޮތް ގޮތުން ވެސް ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބަހުސް ކުރެވިދާނެ ކަންކަން މި ހުންނަނީ އިގްތިސޯދީ ސިޔާސަތު ބަދަލުކޮށް އަޅުގަނޑުމެން ފަތުރުވެރިކަން ނޫން އެހެން ދިމަދިމާލަށް އިގުތިސޯދު ފުޅާކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް. މިކަމުގައި އެންމެން އެއްބާރުލުން ދޭން ޖެހޭނެ،" ވެރިކަން ކުރާ އެމްޑީޕީން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތްކުރާ ގަވަރުނަރު ފަޒީލް އިއްޔެގެ ނޫސްކޮންފަރެންސުގައި ވިދާޅުވި އެވެ.
ފަހަކަށް އައިސް ސިޔާސީ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އައު ފިނޭންސް މިނިސްޓަރު އިނާޒް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދިނުމަށާއި ހުރިހާ ފަރާތްތަކަކުން ވެސް އިގްތިސޯދަށް އޮންނަ އިތުބާރު ގާއިމް ކުރުމަށް މަސައްކަތް ކޮށްދެއްވަން ޖެހޭ ކަމަށެވެ.
"ބޭރުގެ ފަރާތްތަކުން ލިބެން ހުންނަ އިންވެސްޓްމަންޓްތައް ހުންޓުން ފަދަ ކަންކަން ދިމާވެދާނެތީ އަޅުގަނޑުމެން ބަލަންވީ މި އިގްތިސޯދުގެ މައްޗަށް އިތުބާރު އުފެއްދުމަށް،" އިނާޒް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މަހުމޫދް ރާޒީ ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުކުރުމުން ތަކެތީގެ އަގުތައް ބޮޑުވުމުން ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން މަސައްކަތް ކުރަމުން އަންނަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި އެތެރެކޮށްގެން އެސްޓީއޯ އަށް ވެސް ގެއްލުން ނުވާ މިންވަރެއްގައި އެތަކެތި ވިއްކުމަށް ކަމަށެވެ.
"އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ކޮންމެ އެއްޗެއްގައި ވެސް ހުންނަކަން ތަފާތު ބްރޭންޑް ތައް. އަގުތައް ވެސް ތަފާތުވާނެ ކަން. އެސްޓީއޯ މެދުވެރިކޮށް އެތަކެތި ގެނެވެން ފެށުމުން އާންމުކޮށް ބޭނުންކުރާ މުހިންމު ތަކެތީގެ އަގުތައް ހިފެހެއްޓޭނެ. ދެން ހުންނާނީ އެހެން އެއްޗިހި. އަޅުގަނޑުމެންނަށް އެ ހައްލު ގެނެވޭތޯ މި ބަލަނީ،" މަހުމޫދް ރާޒީ ވިދާޅުވި އެވެ.