އިންޑިއާ އަށް ކުރެއްވި ދެދުވަހުގެ ރަސްމީ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ރާއްޖެއަށް ވަޑައިގެންފި އެވެ.

ރައީސްގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެއަށް ވަޑައިގަތި މިރޭ ރާއްޖެގަޑިން ގާތްގަނޑަކަށް 11:00 ހާއިރު އެވެ.

ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނެރަންދުރަ މޯދީއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރެއްވި އެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސަވަރާޖު އާއި ރައީސް ބައްދަލު ކުރެއްވި އެވެ.

ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ދެ ގައުމުގެ ސަރުކާރަކުން ވެސް އަދި ފޮރިން މިނިސްޓްރީން ވެސް ހާމައެއް ނުކުރެ އެވެ.

ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ނިއުދިއްލީގެ ހައިދަރު އާބާދު ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ހައިކޮމިޝަނަރު އަހުމަދު މުހައްމަދު ސޮއިކުރެއްވި އިރު އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ ފޮރިން ސެކަޓަރީ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތައް

  1. ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުގެ ދާއިރާ އިން ނެގޭ ޑަބަލް ޓެކްސް ދަށް ކުރުން
  2. ޓެކްސްއާ ގުޅުން ހުރި ދާއިރާތަކުން މައުލޫމާތު ހިއްސާ ކުރުން
  3. ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމާއި ރާއްޖޭގައި ސާވޭތައް ކުރިއަށް ގެންދިއުން
  4. ޓޫރިސްޒަމްގެ ދާއިރާ އިން ދެގައުމުން ކޯޕަރޭޓް ކުރުން
  5. އޯބިޓް ފުރެކުއެންސީ ކޯޑިނޭޓުކުރުން
  6. އަސްކަރީ ދާއިރާ އިން އެހީތެރިކަން ފޯރުކޮށްދިނުން