11 Apr 2016, 22:50
ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ފަހު މިރޭ ރާއްޖެ ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްވުމަށް ހަމަޖެހިފައި އޮތް ޕްރެސް ބްރީފިންގް ކެންސަލް ކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި އެސްއެމްއެސްގައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން، އެއާޕޯޓުގައި ޕްރެސް ބްރީފިންގްއެއް ދެއްވާނެ ކަމާއި އެތަނަށް ދާން ބޭނުންވާ މީޑިއާގެ ފަރާތްތަކުން މިރޭ 9:30 އަށް ޖެޓީއަށް ދިއުމަށް ދައުވަތު ދިނެވެ.
މީޑިއާގެ ފަރާތްތަކުން ޕްރެސް ބްރީފިން ކެންސަލް ކުރިކަން އެންގީ ނޫސްވެރިން ފެރީއަށް ވެސް އެރިފަހުންނެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް މުއާޒު އަލީ މިރޭ ސަން އަށް ވިދާޅުވީ ރައީސްގެ ޕްރެސް ބްރީފިން މިރޭ ކެންސަލް ކުރި ނަމަވެސް އެ ބްރީފިން ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. އަދި ފަހަރުގައި މާދަމާ ވެސް ބޭއްވި ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން މިރޭ ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ރައީސް އެންމެ ފަހުން މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ވެސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.