11 Apr 2016, 23:18
ލޯކަލް ޓޫރިޒަމް ތަރައްގީކުރަން ނ. މާފަރުން ބިން ދޫކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ސަން އަށް ވިދާޅުވީ، އެ މަސައްކަތް ގެޒެޓްގައި އިއުލާނު ކުރުމުން އެކަމަށް އެދި 20 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިދިޔަ މަހުގެ 24 ގައި ހަމަވެފައިވާ ކަމަށެވެ.
އާމިރު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ތަރައްގީކުރަން އެރަށުން 262000 އަކަފޫޓުގެ ބިން ދޫކުރަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ޓޫރިޒަމާ ގުޅޭ ހުރިހާކަމެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތަށް ލޯކަލް ޓޫރިޒަމް ތަރައްގީކުރުމުން ރަށުގެ ރައްޔިތުންނަށް ހާއްސަކޮށް ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އާމިރު ވިދާޅުވި އެވެ. އަދި ރަށުގެ ޒުވާނުންނަށް އަދި މުޅި ރަށަށް ގިނަ ފައިދާތަކެއް ލިބޭނެހެން އިއުލާނުގައި އެކަން ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތައް ބެލުމަށްފަހު އަވަސް މުސްތަގުބަލެއްގައި މަސައްކަތް ހަވާލުކުރާނެ ކަމަށެވެ.