11 Apr 2016, 22:39
ރާއްޖޭގައި މިހާތަނަށް ފަޅާ އެންމެ ބޮޑު ކޭކް ފެޅުމުގެ ރެކޯޑް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ގާއިމްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކޭކް ފަޅާނީ އެމްއޭސީއެލް އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާދަމާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިންނެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، އެ ކޭކަކީ މިހާތަނަށް ރާއްޖޭގައި ފަޅާ އެންމެ ބޮޑު ކޭކަށް ވާނެ ކަމަށެވެ.
އެ ހަރަކާތަކީ އެމްއޭސީއެލް އަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތަކަށްވާތީ، އެ ކޭކުގެ ދިގުމިނުގައި 50 ފޫޓު ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭގެ އިތުރުން ކޭކު ފެޅުމުގައި ވެސް 50 މީހުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
އެމްއޭސީއެލް އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފަ އެވެ.
އޭގެ ތެރޭގައި ހުޅުމާލެ ކުޑަކުދިންގެ ހިޔާ އަށް ކޮމްޕިއުޓަރު ލެބް ހަދިޔާކުރުން ފަދަ ހަރަކާތްތައް ހިމެނެ އެވެ.