ޓްރިޕޮލީ : ނޭޓޯގެ ވައިގެ ޙަމަލާތަކެއްގައި އަވަހާރަކޮށްލި ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ އެންމެހަގު ދަރިކަލުން ސައިފުލްޢަރަބް އާއި ގައްޒާފީގެ ތިން ކާފަދަރިންގެ ޖަނާޒާ ވެރިރަށް ޓްރިޕޮލީގައި އިއްޔެ ބާއްވައިފިއެވެ.

މިޖަނާޒާގައި ގައްޒާފީގެ އެންމެ ދޮށްޓަށް ތިއްބެވި ދެދަރިކަލުން ކަމަށްވާ ސައިފުލްއިސްލާމް އާއި މުޙައްމަދުލްގައްޒާފީގެ އިތުރުން ލީބިޔާގެ ޢާންމުންގެ އެތަށްހާސް ބަޔަކުވެސް ބައިވެރިވިއެވެ.

ގައްޒާފީގެ ހަގުދަރިކަލުންނާއި ތިން ކާފަދަރިންގެ ޖަނާޒާ ކުރިޔަށްދިޔައިރު ނޭޓޯގެ ޢަސްކަރީ މަތިންދާބޯޓުތައް ޓްރިޕޮލީގެ މަތިން އުދުހި ބޮންއަޅަމުންގެންދާ މަންޒަރު ފެނިފައިވެއެވެ. ނަމަވެސް އަފްޣާނިސްތާން ފަދަ ޤައުމުތަކުގައި ބާއްވާ ބައެއް ޖަނާޒާތަކަށާއި ކައިވެނީގެ ހަފްލާތަކަށް ނޭޓޯގެ ބޯޓުތަކުން ޙަމަލާދޭގޮތަށް މިޖަނާޒާއަށް ނޭޓޯގެ ބޯޓުތަކުން ޙަމަލާ ދީފައެއްނުވެއެވެ.

މިޖަނާޒާގައި ގައްޒާފީ ބައިވެރިވެވަޑައިނުގަތީ ނޭޓޯގެ ބޯޓުތަކުން ޙަމަލާދީ އޭނާ އަވަހާރަކޮށްލުމުގެ ބިރު އޮތުމުން ކަމަށް ލީބިޔާގެ ޢާންމުންނާ ޙަވާލާދީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.

ނޭޓޯއިން އަވަހާރަ ކޮށްލި އުމުރުން 29 އަހަރުގެ ސައިފުލްޢަރަބް އަކީ ގައްޒާފީގެ ވެރިކަމުގައި އެއްވެސް މަޤާމެއް އަދާކުރައްވާ ބޭފުޅެއްނޫނެވެ. އޭނާ އިންޖިނޭރިންގެ ރޮނގުން މަތީ ތަޢްލީމް ޙާސިލްކުރައްވާފައިވަނީ ޖަރުމަނުވިލާތުގައެވެ.
ގައްޒާފީގެ ދަރިކަލުންނާއި ތިން ކާފަ ދަރިން އަވަހާރަކޮށްލެވުނީ ގައްޒާފީގެ ރިޔާސީ އެކުވެނި ކަމަށްވާ ބާބުލްޢަޒީޒިއްޔާ ގައިވާ ގެއެއްގައި އެބޭފުޅުން ތިއްބަވަނިކޮށް ނޭޓޯގެ މަތިންދާބޯޓުތަކުން މިދިޔަ ހުކުރުދުވަހު ދިން ވައިގެ ޙަމަލާތަކެއްގައެވެ.

ގައްޒާފީ އަވަހާރަކޮށްލުމުގެ މަޤްސަދްގައި ދިންކަމަށް ބެލެވޭ މިޙަމަލާއިން އޭނާއާއި އޭނާގެ އަނބިކަނބަލުން ސަފިއްޔާ ސަލާމަތްވެވަޑައިގެންފައިވެއެވެ.

ގައްޒާފީގެ ދަރިފުޅާއި ކާފަދަރިންގެ ސަންދޯއްތައް މަޤްބަރާއަށް ގެންދިޔައީ ލީބިޔާގެ ފެހިދިދަ އޭގައި އޮޅާލައިގެންނެވެ. އަދި ކަފުންކޮށްފައިވާ ގަބުރުތައް ސަންދޯއްތަކުންނަގައި ކަށްވަޅުގައި ބޭއްވިއިރު ގައްޒާފީގެ ދެދަރިކަލުން ކަމަށްވާ ސައިފުލްއިސްލާމްއާއި މުޙައްމަދުލްގައްޒާފީގެ ލޮލުން ކަރުނަތައް އޮހޮރެމުން ދިޔަ މަންޒަރު ފެނުނު ކަމަށް މުރާސިލުން ބުނެއެވެ.

ރަޝިޔާއިންވަނީ ނޭޓޯއިން ގައްޒާފީގެ ދަރިންއަވަހާރަކޮށްލި ޖަރީމާ ކުށްވެރިކޮށްފައެވެ. ރަޝިޔާގެ ޚާރިޖިއްޔާއިންބުނީ ގައްޒާފީގެ ދަރިން ނަށް ޙަމަލާދީ އެމީހުން މެރުމުގެ ހުއްދަ އދ. ގެ ޤަރާރުގެ ދަށުން ނޭޓޯއަށް ދީފައިނުވާނެ ކަމަށާއި ނޭޓޯ މިހާރު އެޤަރާރުގެ އިމުން ބޭރުވެފައިވާ ކަމުގައެވެ. ލީބިޔާގައި މީހުން މެރުމުގެ ބަދަލުގައި ނޭޓޯ ކުރަންޖެހޭނެ ކަމަކީ ލީބިޔާގެ ޢާންމުން ޙިމާޔަތް ކުރުން ކަމަށްވެސް ރަޝިޔާ ބުނެއެވެ.

އަނެއްކޮޅުން އެމެރިކާގެ ހަރުކަށި ޚިޔާލުގެ ސެނެޓަރެއް ކަމަށްވާ ޖޯން މެކޭން ވަނީ ގައްޒާފީ އަވަހާރަކޮށްލުމަށް ނޭޓޯ އަށްގޮވާލައްވާފައެވެ. އެމެރިކާގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުން ފޭލްވެ ވަޑައިގެންނެވި މުސްކުޅި ބޭފުޅެއް ކަމަށްވާ މެކޭން ވިދާޅުވީ ގައްޒާފީ އަވަހާރަކޮށްލުމަކީ ނޭޓޯއިން ކުރަންޖެހިފައިވާ ކަމެއްކަމުގައެވެ.
ގައްޒާފީގެ ދަރިކަލުންނާއި ކާފަ ދަރިން އަވަހާރަކޮށްލި ކަމަށް އެއްބަސްވުމަށް ނޭޓޯ ގެންދަނީ ދެކޮޅު ހަދަމުންނެވެ. -- ބީ.ބީ.ސީ/ޖަވާދު