11 Apr 2016, 20:40
އޭއެފްސީ ކަޕްގައި މާދަމާ ނިއުރޭޑިއަންޓާ ދެކޮޅަށް ނިކުންނައިރު ކުރިން ކުޅުނު ދެމަޗަށް ވުރެ ހޮންކޮންގެ ކިޗީ އެފްސީ ވަރުގަދަ ވާނެ ކަމަށް އެ ޓީމްގެ ކޯޗު ޗު ޗީ ޗުވޯންގް ބުނެފިއެވެ.
އޭއެފްސީ ކަޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން އަމިއްލަ ގައުމުގައި ކަޔާ އެފްސީ އަތުން މޮޅުވެފައިވާ އިރު ދެވަނަ މެޗުގައި ރަށުން ބޭރު ކިޗީ ވަނީ ބަލެސްޓީއާ ޚަލްސާ އަތުން ބަލިވެފައެވެ. އަދި ތިން ވަނަ މެޗުގައި ނިއުރޭޑިއަންޓާ ކުޅުނު އިރު އެ މެޗު ވަނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބް ނުކުރެވި އެއްވަރު ވެފައެވެ.
"އަމިއްލަ ދަނޑުގައި ނިއު އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވި ނަމަވެސް މާދަމާގެ މެޗުން ނަތީޖާ ނެރެވޭނެ. އެ މެޗަށް ކިޗީ ނިކުތީ އަނިޔާގައި ތިބި މުހިންމު ދެ ކުޅުންތެރިންނާ ނުލައި،" ޗުވޯންގް ބުންޏެވެ.
އޭނާ ބުނީ މާދަމާގެ މެޗަށް ނިކުންނަ އިރު ކިޗީ އަށް އަނިޔާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކުރިން މެޗުގައި ނުކުޅެވުނު ދެ ކުޅުންތެރިން ވެސް މިހާރު ފިޓްވެފައިވާ ކަމަށެވެ. އަދި މާދަމާގެ މެޗުގައި އެ ޓީމަށް ދިމާވާނެ އެންމެ ބޮޑު މައްސަލަ އަކީ ހޫނުގެ މައްސަލަ ކަމަށް ވެސް ޗުވޯންގް ފާހަގަ ކުރިއެވެ.
"ރާއްޖެއަކީ ހޫނު ގައުމެއް ކަމަށް ވުމުން އަހަރެމެންގެ ކުޅުންތެރިންނަށް ކޮންމެ ވެސް ވަރަކަށް އެކަމުގެ އަސަރު ކުރާނެ. ނަމަވެސް އެއީ ބަހަނާއެއް ކަމަށް ދައްކައިގެން ނުވާނެ. މާދަމާގެ މެޗަށް ނިކުންނާނީ ސީދާ ތިން ޕޮއިންޓް ހޯދުމަށް،" ޗުވޯންގް ބުންޏެވެ.
މާދަމާގެ މެޗަށް ނިކުންނައިރު ހަތަރު ޓީމް ހިމެނޭ ގުރޫޕް އެފްގެ ފުލުގައި ކުޅުނު ތިން މެޗުން ދެ ޕޮއިންޓް ލިބިގެން ނިއު އޮތް އިރު ކިޗީ އޮތީ ހަތަރު ޕޮއިންޓާއި އެކު ތިން ވަނައިގައެވެ. ބެލަސްޓިއާ އަށް ވެސް ހަތަރު ޕޮއިންޓް ލިބޭ އިރު އެ ޓީމަށް ދެވަނަ ލިބެނީ ފައިދާ ގޯލުން ކުރި ލިބިގެންނެވެ.
ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ދެވަނަ ބުރަށް ދަތުރުކުރާ އިރު ގުރޫޕް އެފް ގެ އެއް ވަނައިގައި ހަ ޕޮއިންޓާއި އެކު އޮތީ ކަޔާ އެފްސީ އެވެ.
ނިއު އާއި ކިޗީ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.