12 Apr 2016, 00:26
ޒުވާނުންނަށް ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސްކީމް" ގައި ސަރުކާރު ހިއްސާވާ ކުންފުނި، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެ އެވެ.
މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އެ ސްކީމުގައި ބައިވެރިވި ތިން ވަނަ އަދި އެންމެ މުވައްޒަފުން ގިނަ ކުންފުންޏެވެ. މީގެ ކުރިން އެ ސްކީމުގައި އެސްޓީއޯ އާއި އެޗްޑީސީ އިން ވަނީ ބައިވެރިވެފައެވެ.
އެ ސްކީމުގައި ބައިވެރިވުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނާއެކު އެއާޕޯޓްސް ކޮމްޕެނީއިން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ މިއަދު ހުޅުލޭ އައިލެންޑް ހޮޓެލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގައި އެމްއޭސީއެލް ގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންނަށް އަބަދުވެސް ފައިދާ ހުރި ކަންކަން ބައްލަވާ އެކަންކަމަށް މަގުފަހި ކޮށްދެއްވާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލް އިން ވަނީ އެކުންފުނީގެ 10 މުވައްޒަފަކު ކުންފުނީގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ދީފައެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންނަށް ދެއްވާ ހައްޖުގެ ފުރުސަތު ކޮންމެ އަހަރަކު ވެސް ދެމުންގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.