ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ މައިލޯ ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ކުއާޓާ ފައިނަލުގެ މެޗުތައް އަންނަ ހުކުރު ދުވަހު ކުޅުވޭނެ އެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ ކްލަބު އިމިގްރޭޝަނާއި، އެމްއޭސީއެލް އާއި، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި، ޓީމް އައިޖީއެމްއެޗް އާއި، ޓީމް ފެނަކަ އާއި، ޕޮލިސް ކްލަބާއި، އެމްޕީއެލް އަދި އެސްޓީއޯ ރެކްރިއޭޝަން ކްލަބެވެ.

އަންނަ ހުކުރު ދުވަހު ކުއާޓާގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ދުވަހުގެ ފުރަތަމަ މެޗުތަކުގައި ދިވެހި ސިފައިންގެ ކްލަބާއި (ޑީއެސްސީ) ބައްދަލުކުރާ އިރު، އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އިމިގްރޭޝަން ނުކުންނާނީ އެސްޓީއޯއާ ދެކޮޅަށެވެ. އެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ.

ކުއާޓާގެ ފަހު މެޗުތަކުގައި ޓީމް ފެނަކަ އާއި ޓީމް އައިޖީއެމްއެޗް ބައްދަލުކުރާ އިރު، އެމްޕީއެލްއާ ދެކޮޅަށް އެމްއޭސީއެލް ނުކުންނާނެ އެވެ. އެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ އެވެ.

އެ މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މި މަހުގެ 18 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.