11 Apr 2016, 18:31
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަގު ހިފަހެއްޓުމަށް، އޭއެފްސީ ކަޕްގައި ހޮންކޮންގެ ކިޗީއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށް ނިއުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ހަވީރު ކިޗީއާ ދެކޮޅަށް ނުކުންނައިރު، ނިއު އޮތީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު ގްރޫޕް އެފްގެ ފުލުގައެވެ. ކިޗީ އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައެވެ.
މާދަމާގެ މެޗުގެ ކުރިން ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސްޓޮއިކޯފް ބުނީ، މާދަމާގެ މެޗަކީ ނިއު އަދި ކިޗީ އަށް ވެސް އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.
"އަހަރެމެން ތައްޔާރު. އެކަމަކު މާދަމާގެ މެޗު ވަރަށް އުނދަގޫވާނެ. އެ ޓީމުގައި މިހާރު އެބަތިބި އައު ބިދޭސީ ދެ ކުޅުންތެރިން. އެހެންވެ މިހާރު އެ ޓީމުގެ ފެންވަރު އިތުރަށް ވަރުގަދަވެގެން ދާނެ. އެ ޓީމަށް ވެސް މެޗު އުނދަގޫވާނެ އަހަރެމެން ބަލިކުރަން. ދެން ހިނގާ ވާނެ ގޮތެއް ބަލަމާ. އަހަރެމެންގެ ޓީމުގެ އަގު ހިފަހައްޓަން އަހަރެމެން މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.
ނިއުއިން ވަނީ އޭއެފްސީ ކަޕްގައި މިދިޔަ މަހު ހޮންކޮންގައި ކިޗީއާ ދެކޮޅަށް ނުކުމެފަ އެވެ. އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އަށް ލިބުނު އަނިޔާއަކާ ގުޅިގެން އެ މެޗުގައި އޭނާއަށް ނުކުޅެވުނު ނަމަވެސް، މާދަމާގެ މެޗުގައި ހޮކޭއަށް ބައިވެރިވެވޭނެ އެވެ.
"ހޮކޭ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. ހޮކޭ އަކީ ޓީމުގެ ކެޕްޓަން. ހޮކޭ އަކީ އަހަރެމެން ބޭނުންވާނެ ކޮންމެ މަގާމަކަށް ވެސް ކުޅެވިދާނެ ފަދަ ފެންވަރު ހުރި ކުޅުންތެރިއެއް. އޭނާއަކީ ގޯލްކީޕަރުގެ މަގާމު ފިޔަވާ ދެން ހުރި ހުރިހާ މަގާމަކަށް ވެސް ކުޅެވިދާނެ ކުޅުންތެރިއެއް،" ނިއުގެ ކޯޗު ބުންޏެވެ.

އޭއެފްސީ ކަޕްގައި ކިޗީއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ވާހަކަދައްކަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ސްޓޮއިކޯފް ބުނީ، ނިއުއިން ބޮޑަށް މަސައްކަތްކުރާނީ ހޯމް އެޑްވާންޓޭޖްގެ ފައިދާ ނެގުމަށް ކަމަށާއި ސަޕޯޓަރުންގެ ތަރުހީބު ނިއުއަށް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މެޗާބެހޭ ގޮތުން ވާހަކަދައްކަމުން ނިއުގެ ކެޕްޓަން ހޮކޭ ވެސް ވަނީ އެ ޓީމުގެ ސަޕޯޓަރުންގެ އެހީއަށް އެދިފަ އެވެ. ހޮކޭ ބުނީ، ރަށުން ބޭރުގައި ކިޗީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާނެ ކަމަށާއި މާދަމާގެ މެޗު ކާމިޔާބުކޮށް، ތިން ޕޮއިންޓް ހޯދުމަށް ސަޕޯޓަރުންގެ ތަރުހީބަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް އެފްގައި ނިއު އާއި ކިޗީ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.