ފްރާންސްގެ ހުނަރުވެރި ކުރެހުންތެރިއެއްގެ ކުރެހުމުގެ ހުނަރު ދައްކާލުމަށް އާޓް އެގްޒިބިޝަނެއް މިމަހު ބާއްވަން ނިންމައިފި އެވެ.

ފްރާންސްގެ ރައްޔިތެއްކަމަށްވާ ފިލިޕޭ ލައުރެއްލާ ރާއްޖެއަށް އައީ ޓޫރިސްޓެއް ގޮތަށެވެ. ނަމަވެސް އޭނާގެ އެ ދަތުރުގައި ރާއްޖޭގެ ރައްޔިތަކާ ކައިވެނިކޮށް އޭނާގެ ދިރިއުޅުން ވަނީ ރާއްޖެއަށް ބަދަލުކޮށްފަ އެވެ. އެގޮތުން އޭނާ މިހާރު ރާއްޖޭގައި ދިރިއުޅޭތާ 38 އަހަރުވީ އެވެ. އޭނާގެ އުމުރުން މިހާރު 68 އަހަރެވެ.

އޭނާއަށް ކުރެހުމުގެ ހުނަރު ލިބިފައިވީ ނަމަވެސް މީގެކުރިން އޭނާ އަކީ އެއްގޮތަކަށް ވެސް ކުރަހައި އުޅުނު މީހެއް ނޫނެވެ. ނަމަވެސް ކުރެހުމުގެ ދާއިރާއަށް އޭނާއަށް ވަދެވުނީ ވިއްސާރަ ދުވަހެއްގައި، މާލޭގައި ފޫހިވެފައި އިނދެ ކުރަހާލި ކުރެހުމެއް ބަޔަކަށް ކަމުދިއުމުންނެވެ. ސްވިޒަލޭންޑަށް ނިސްބަތްވާ މީހެއް ފިލިޕޭގެ އެ ކުރެހުން ގަތުމުންނެވެ. އެހިސާބުން ކުރެހުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އޭނާ ނުކުތެވެ.

މާލޭގެ އަދި ރާއްޖޭގެ ގިނަ ބަޔަކުވެސް އޭނާ ދަނެއެވެ. އޭނާ ރާއްޖެއަށް މަޝްހޫރުވެފައި ވަނީ "ރާއްޖޭގެ މީހަކާ ކައިވެނިކުރި ދޮންމީހާ" ގެ ނަމުގަ އެވެ.

އެ ދުވަހަށްފަހު އޭނާ ގިނަ ކުރެހުންތަކެއް ކުރަހާފައިވެ އެވެ. އޭނާގެ ކުރެހުންތައް ދިވެހިންނަށް ދައްކާލުމަށް މިމަހު 16 އިން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެގްޒިބިޝަނެއް ބާއްވަން ވަނީ ނިންމާފަ އެވެ.

ފިލިޕޭގެ ފަރާތުން މައުލޫމާތުދިން އޮފިޝަލަކު ވިދާޅުވީ، އާޓް އެގްޒިބިޝަން ކުރިއަށްދާ އިރު، ކުރަހަން ދަސްކޮށްދިނުމުގެ ވޯކްޝޮޕެއް ވެސް ކުރިއަށްގެންދާނެ ކަމަށެވެ.