ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރުމަށް މިދިޔަ އަހަރު އިފްތިތާހު ކުރި "ސާފް ރާއްޖެ" ކެމްޕޭންގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބައިވެރިވެއްޖެ އެވެ.

މިއަދު އެންވަޔަރަންމަންޓު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގު ޑިރެކްޓަރު އިބްރާހިމް ފުއާދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަ ދައްކަވަމުން އެންވަޔަރަންމަންޓު މިނިސްޓަރު ވިދާޅުވީ، ސާފު ރާއްޖެ ކެމްޕޭން އަކީ މިދިޔަ އަހަރު ފެށުނު ކެމްޕޭނެއް ކަމަށާއި އެ ކެމްޕޭންގައި ވަރަށް ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވާ ކަމަށެވެ.

"ބައެއް ރިސޯޓުތަކުންނާއި އަތޮޅުގެ ހުރިހާ ކައުންސިލްތަކުންނާއި އަދިވެސް އެހެން އަމިއްލަ ފަރާތްތަކުން އެންޖީއޯ ތަކުންވެސް ބައިވެރިވެފައި ވަނީ. މީގެ މުހިއްމު ބޭނުމަކީ އަނެއްކާވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖު ކުރުމަށް ބޭނުންވާ ކަންތައްތަކާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސާފް ރާއްޖެ ކެމްޕޭންގައި ވެމްކޯއިން ބައިވެރިވުމަކީ މާލެއާއި މާލެ ސަރައްހައްދުގައި ކުނި މެނޭޖު ކުރާއިރު ރައްޔިތުން ބައިވެރިކުރުުމަށް އިތުރު ކުރެވުނު ބޮޅެއް ކަމަށެވެ.

"ހާއްސަކޮށް މާލެ ސަރަހައްދުގައި މިއަދު މިކަންކަން އޮތީ ވަރަށް އުނދަގޫ ފައްތަރަކަށް، މި އޮތީ ވޭސްޓު މެނޭޖުމަންޓު ރަނގަޅު ގޮތުގައި ނުކުރެވިގެން އަޅުގަމެންނަށް މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުނި މެނޭޖު ކުރުމުގެ މަސައްކަތް ހަރުދަނާ ކަމާއެކު ކުރުމަށް ސަރުކާރުން އިސްނަގައިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީން ބުނީ، މިއަދު ސޮއި ކުރެވުނު އެމްއޯޔޫގެ އަކީ މާލެ ތެރެ ސާފު ކުރުމަށް ވެމްކޯ އިން ކުރަމުންދާ މަސައްކަތްތަކަށް އެ މިނިސްޓްރީގެ އެއްބާރުލުން ދިނުމަށް ސޮއި ކުރެވިގެން ދިޔަ އެމްއޯޔޫއެއް ކަމަށެވެ.