11 Apr 2016, 18:05
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ދިވެހީންގެ ތެރޭން ސްޕެޝަލިސްޓުން ތަމްރީން ކޮށް އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ސްޕެޝަލިސްޓަކަށްވުމަށް ދިވެހި ނުވަ ޑޮކްޓަރަކަށް ސްކޮލޮޝިޕްގެ ފުރުސަތު ދީފި އެވެ.
މިއަދު ހަވާލުކުރި ސްކޮލޮޝިޕްތަކަކީ ނޭޕާލުގެ، ތްރިބުއާން ޔުނިވާސިޓީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބުނު ފުރުސަތުތަކުގެ ތެރެއިން ދެވުނު ސްކޮލޮޝިޕްތަކެކެވެ.
ސަރުކާރުގެ ބަޖެޓުގެ ބޭރުން ހަމަޖައްސައިދެވުނު އެ ސްކޮލޮޝިޕްތައް ލިބުނު ނުވަ ޑޮކްޓަރުން ނޭޕާލުގައި ފުރިހަމަކުރާނީ ތަފާތު ތިން ދާއިރާއަކުން ތިން އަހަރުގެ ކޯސްތަކެކެވެ.
އެ ނުވަ ޑޮކްޓަރުންނަށް ސްކޮލޮޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

ސްޕެޝަލިސްޓަކަށްވުމަށް ސްކޮލޮޝިޕް ލިބުނު ޑޮކްޓަރަކަށް ލިޔުން ހަވާލުކުރަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އަތޮޅުތެރެއަށް ބޭނުންވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ލިބޭ އަދަދު މަދު ކަމަށެވެ. އަދި މިއަދު ސްކޮލޮޝިޕްތައް ހަވާލުކޮށްފައިވަނީ އަތޮޅުތެރެއަށް ނުހަނު ބޭނުންވާ ދާއިރާތަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އިރުތިޝާމް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ސްޕެޝަލިސްޓުންގެ ގޮތުގައި ދިވެހި ޑޮކްޓަރުން ތަމްރީން ކުރުމަށް މިއަހަރުގެ ފަހުކޮޅު އިތުރު 10 ސްކޮލޮޝިޕް ފުރުސަތެއް ހޯއްދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ރާއްޖޭން ބޭރަށް އަންނަ ހަފްތާ ތެރޭގައި ކުރައްވާ ދަތުރުފުޅުގައި ބަންގްލަދޭޝް އާއި ޕާކިސްތާނުގެ އިތުރުން ސްރީ ލަންކާ އިން ވެސް އެފަދަ ފުރުސަތުތައް ހޯއްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސްޕެޝަލިސްޓަކަށް ވުމަށް މިއަދު ސްކޮލޮޝިޕް ލިބުނު ޑޮކްޓަރުންނާއި އެކު ހެލްތް މިނިސްޓަރު އިރުތިޝާމާއި ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލުން ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހަބީބް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވާނީ ދިވެހިން ކަމަށެވެ. އަދި ކިޔަވައިވިދާޅުވުމަށްފަހު ގައުމަށް އެނބުރި ވަޑައިގެން، އިހުލާސްތެރިކަމާއެކު ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމަށް ހަބީބް ވަނީ ސްކޮލޮޝިޕް ލިބިލެއްވި ޑޮކްޓަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.