ބެންޣާޒީ : ލީބިޔާގެ އިދިކޮޅު ފަރާތްތަކުން އެކުލަވާލާފައިވާ އިންތިޤާލީ މަޖިލިސް، ލީބިޔާގެ ވަގުތީ ސަރުކާރަކަށް ބަދަލުކުރުމުގެ ޤާނޫނީ އަދި ސިޔާސީ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި ވަގުތީ ސަރުކާރެއް ވަރަށް އަވަހަށް އިޢްލާންކުރެވޭނެ ކަމަށް އެމަޖިލީހުގެ ރައީސް ޖަސްޓިސް (ޤާނޫނީ މުސްތަޝާރު) މުސްތަފާ ޢަބްދުލްޖަލީލް ވިދާޅުވެއްޖެވެ.

އަލްޖަޒީރާއަށް ދެއްވި ބަޔާނެއްގައި ޢަބްދުލްޖަލީލު ވިދާޅުވީ ލީބިޔާގެ ވަގުތީ ޤާނޫނު އަސާސީއެއް އެމަޖިލިހުން މިހާރު އެކުލަވާލައިފި ކަމަށާއި ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ ސިޔާސީ މަޝްވަރާތައްވެސް ލީބިޔާގެ އެކިފަރާތްތަކާއެކު ކުރެވެމުންދާ ކަމުގައެވެ.

މިމަޝްވަރާތައް ނިމުމާއެކު އިންތިޤާލީ މަޖިލީހުގެ ބަދަލުގައި ލީބިޔާގައި ވަގުތީ ސަރުކާރެއް އިޢްލާންކުރެވޭނެ ކަމަށާއި މިސަރުކާރުގެ ކެބިނެޓް އެކުލަވާލުމުގެ ކަންތައްވެސް މިހާރު ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައްޒާފީގެ ކިބައިން މިނިވަންވެފައިވާ ލީބިޔާގެ ސަރަޙައްދުތަކުގައި ވަގުތީ ސަރުކާރެއް އެކުލެވޭވަރުގެ އިންފްރާސްޓްރަކްޗަރާއި މުއައްސަސާތަކާއި އިންސާނީ އަދި ޤުދްރަތީ ވަސީލަތްތައް ވަރަށް ރަނގަނޅަށް އެބަހުރި ކަމަށާއި ވަގުތީ ސަރުކާރު އެކުލަވާލުމުން ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެންނަން ފަސޭހަވާނެ ކަމަށް އަބްދުލްޖަލީލު ވިދާޅުވިއެވެ.

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަަކަކުން މިހާރުވަނީ ލީބިޔާގެ ރައްޔިތުން ތަމްޘީލްކުރާ ފަރާތަކީ އިންތިޤާލީ މަޖިލިސްކަމަށް އިޢްތިރާފްވެފައެވެ. ލީބިޔާގެ ތެލުގެ ސިނާޢަތުގެބޮޑުބައެއް އިންތިޤާލީ މަޖިލީހުގެ ކޮންޓްރޯލްގެ ދަށުގައިވެއެވެ.
މީގެ އިތުރުން ގިނަޢަދަދެއްގެ ތައްލީމީ، ސިއްޙީ އަދި އިދާރީ މުއައްސަސާތަކާއި އެއަރޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކާއި ފެކްޓްރީތައްފަދަ އަދި އިންފްރާސްޓްރަކްޗަރާއި ސިނާޢީ މަރުކަޒުތަކުގެ އިތުރުން ލީބިޔާގެ ބިމުގެ 60 އިންސައްތަވެސް އިންތިޤާލީ މަޖިލީހުގެ ކޮންޓްރޯލްގެ ދަށުގައިވެއެވެ.

އަދި ދުނިޔޭގެ ޤައުމުތަކުގައި ފްރީޒްކޮށްފައިވާ ލީބިޔާގެ އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓާއި ނަޤްދުފައިސާ، އަލަށް އެކުލަވާލާ ވަގުތީ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް އިންތިޤާލީ މަޖިލީހުން ގެންދަނީ ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ ގައްޒާފީގެ ސަރުކާރުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި ލީބިޔާގެ ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި ޖަމާކޮށްފައިވާ ފައިސާތަކެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް