11 Apr 2016, 16:24
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް އިނގިރޭސިވިލާތައް ދިޔަ ކަމަށް ތުހުމަތުކޮށް ވާހަކަތަކެއް ދެކެވެމުން ދާތީ އެކަން ސާފުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިމިގްރޭޝަނަށް ސިޓީއެއް ފޮނުވައިފި އެވެ.
މެމްބަރު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާފައި ވަނީ ކަރެކްޝަނަލް ސާވިސްއިން ދޭ ޓްރެވަލް ޑޮކިއުމެންޓެއްގަ އެވެ. ކަރެކްޝަނަސްގެ މީޑިއާ އޮފިސަރު 'ސަން' އަށް ވިދާޅުވީ ނާޒިމް އިނގިރޭސި ވިލާތައް ދިޔަކަން އެ ސާވިސްއަށް އަދި ސާފު ނުވާ ކަމަށެވެ. އަދި ނާޒިމް ދިޔަތޯ ބެލުމަށް އިމިގްރޭޝަނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
"ނާޒިމް ބޭސްފަރުވައަށް ގޮސް ސިންގަޕޫރުގައި ހުންނެވީ ޓެރަވަލް ޑޮކިއުމެންޓެއްގައި. ދެން އެހެން ގައުމަކަށް ދަންޏާ ދެވޭނީ ޕާސްޕޯޓުން ނުވަތަ އެހެންގޮތަކުން ވެސް ދެވިދާނެ. އެހެންވެ ނާޒިމް އިނގިރޭސި ވިލާތަށް ގޮސްފައިވާނަމަ ދިޔައީ ކިހިނެތްތޯ ސާފު ކުރުމަށް ސިޓީ ފޮނުވީ،" ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
ނާޒިމް އިނގިރޭސި ވިލާތަށް ދަތުރުކުރެއްވި ކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުންދާއިރު އިނގިރޭސިވިލާތަށް ނާޒިމް ދިޔަކަން އޭނާގެ ފަރާތުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެންމެ ފަހުން ނާޒިމްގެ ވަކީލު ކަރެކްޝަންސްއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ކަރެކްޝަނަލް ސާވިސް އިން އެންގި ކަމުގައި ވިޔަސް ބޭސްފަރުވާގެ ކަންކަން ނިމުމުން ނޫނީ އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ.
ނާޒިމް ރާއްޖެ އިން ބޭރަށް ވަޑައިގަތީ ތިން އޮޕަރޭޝަނެއް ކުރައްވަން ކަމަށާއި އަދި ކުރެވިފައި ވަނީ ދެ އޮޕަރޭޝަން ކަމަށް ވަކީލުގެ ސިޓީގައިވެ އެވެ. އަދި ދިމާވެފައިވާ ސިއްހީ ސީރިއަސް މައްސަލައަކަށް ފަރުވާ ހޯދަމުން ދަނިކޮށް ފަރުވާ މެދު ކަނޑާލާފައި ރާއްޖެ އަންނަން އެންގުމަކީ ކަރެކްޝަންސް އިން ނާޒިމްއާ މެދު އަމަލުކުރަނީ "ރަހުމު ކުޑަ ލާއިންސާނީ އިހާނެތި" ގޮތަށް ކަން ދޭހަވާ ކަމެއް ކަމަށް ސިޓީގައިވެ އެވެ.
ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.