11 Apr 2016, 16:06
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕްގެ ގަދަ 16ގެ މެޗުތައް އަންނަ ބުދަ ދުވަހު ފަށާނެ އެވެ.
ކްލަބު މޯލްޑިވްސް ކަޕްގެ ގަދަ 16ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.
އަންނަ ބުދަ ދުވަހުގެ ރޭ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ފުރަތަމަ މެޗުތަކުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހައުސިން މިނިސްޓްރީ ބައްދަލުކުރާ އިރު، ޓީމު ފެނަކައާ ދެކޮޅަށް ބަނޑޮސް މޯލްޑިވްސް ނުކުންނާނެ އެވެ. އެ ދުވަހުގެ ފަހު މެޗުތަކުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބައްދަލުކުރާ އިރު، ކްލަބު އެމްއާރުޑީސީއާ ދެކޮޅަށް ފިނޭންސް ރެކްރިއޭޝަން ކްލަބު ނުކުންނާނެ އެވެ.
އަންނަ ބުރާސްފަތި ދުވަހު ވެސް ގަދަ 16ގެ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ދުވަހުގެ ފުރަތަމަ މެޗުތަކުގައި ޕޮލިސް ކްލަބާއި މޯލްޑިވިއަން ބައްދަލުކުރާ އިރު، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ސީއާރުސީ)އާ ދެކޮޅަށް ކްލަބު އެޗްޑީސީ ނުކުންނާނެ އެވެ. ގަދަ 16ގެ ފަހު މެޗުތަކުގައި އެންމެ ފަހުގެ ޗެމްޕިއަން އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރާ އިރު، ސްޓެލްކޯ ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކްލަބު އިމިގްރޭޝަން ނުކުންނާނެ އެވެ.
ކްލަބު މޯލްޑިވްސް ކަޕްގެ ގަދަ 16އަށް މިފަހަރު އެލައިޑް އިންޝުއަރެންސްގެ ޓީމު ދަތުރުކޮށްފައެއް ނުވެ އެވެ. އެލައިޑް ހިމެނުނު ގްރޫޕް ޖީ އިން ގަދަ 16 އަށް ދަތުރުކުރީ ޕޮލިސް ކްލަބާއި ބަނޑޮސް މޯލްޑިވްސް އެވެ. އެލައިޑް އަށް ލިބުނީ ގްރޫޕް ޖީގެ ތިން ވަނަ އެވެ.
މުބާރާތުގެ ގަދަ 16ގެ މެޗުތައް ކާމިޔާބުކުރާ ޓީމުތަކަށް ކުއާޓާ ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ކުއާޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ސެމީ ފައިނަލުގެ މެޗުތައް މި މަހުގެ 19 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.