11 Apr 2016, 16:26
ސަރުކާރުން އަޅާފައިވާ ފްލެޓުތައް ލިބޭ ފަރާތްތައް ކަނޑައަޅައި ނިންމާފައި ވަނިކޮށް، އެ ތަންތަނުގެ ކުލި ދައްކަންޖެހޭ މުއްދަތު ސަރުކާރުން ކުޑަ ކުރުމާ އެކު ކުލީގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ވާތީ، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންތަކެއް އެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގަރާތުގައި ބުނެފައި ވަނީ، އެމްޑީޕީގެ ސަރުކާރުން "ވެށިފަހި މާލެ" ގެ ނަމުގައި މަޝްރޫއުތަކެއް ފަށައި، އެ މަޝްރޫއުގެ ދަށުން މާލޭގައި އަޅަން ފެށި ފްލެޓުތަކުގެ އަގު ކަނޑައަޅައި، އެ އަގު ދައްކަން ޖެހެނީ 25 އަހަރު ތެރޭގައި ކަމަށް ކަނޑަ އެޅި ކަމަށެވެ.
އެގޮތުން، ކޮންމެ ފްލެޓަކަށް ކަނޑައަޅާފައި އޮތް 75،000 ޑޮލަރު ނުވަތަ 1،231،500 މިލިޔަން ރުފިޔާގެ އަގު 25 އަހަރު ދުވަހަށް ބަހާލައިފި ނަމަ އެއީ މަހަކު 400 ޑޮލަރު ނުވަތަ 6،568 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދެއް ކަމަށް އެ ގަރާރުގައި ބުނެފައި ވެ އެވެ.
ނަމަވެސް އެމްޑީޕީގެ ސަރުކާރު ވެއްޓި، އޭގެ ފަހުން ހައުސިން މިނިސްޓަރު ކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުއަށް ވެށިފަހި ޕްރޮޖެކްޓް ހިންގުމަށް އެނގިވަޑައިގެންނަވާ ކަމަށާއި، މަޝްރޫއުތައް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓަލާފައި އޮތުމުން ބޭކާރު ގޮތުގައި ފްލެޓު ޑިވެލޮޕަރަށް ދައްކަން ޖެހި، ރައްޔިތުންނަށް ފްލެޓު ލިބުން ލަސްވެ، އޭގެ އަގު ވެސް ބޮޑުވެގެން ދިޔަ ކަމަށް ގަރާރުގައި ވެ އެވެ.
ފްލެޓަށް ފައިސާ ދައްކަން ޖެހޭ 25 އަހަރު ދުވަހުގެ މުއްދަތު ފަސް އަހަރަށް ކުޑަ ކޮށްފައިވާތީ، ފްލެޓު ލިބިފައިވާ ފަރާތުގެ އަތުން މަހަކަށް 33،333.33 ރުފިޔާ ފްލެޓު ކުއްޔަށް ދައްކަން ޖެހިފައިވާ ކަމަށް އެމްޑީޕީއިން ހުށަހެޅި ގަރާރުގައި ވެ އެވެ.
"ނަތީޖާއެއްގެ ގޮތުން ފްލެޓު ގަންނަން ބޭނުންވާ އާދައިގެ ރައްޔިތު މީހާގެ އަތުން މަހަކު 33،333.33 ރުފިޔާގެ ނުކުޅަދާނަ ބޮޑު އަދަދެއް ދައްކަން ޖެހުމާއި، އަދި މިކަމަކީ މާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަން ލިބިފައި ނުވާ އާދައިގެ ރައްޔިތުންނަށް އުފުލޭވަރުގެ ބުރައެއް ނޫން ކަމަށް އެ ގަރާރުގައި ވެ އެވެ.
މެމްބަރު މުހައްމަދު އަބްދުލްކަރީމާއި މެމްބަރު އިމްތިޔާޒުގެ ގަރާރުގައި ބުނެފައިވަނީ، ސަރުކާރުން އާދައިގެ ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް ފްލެޓުގެ އަގު މައްޗަށް ޖައްސާފައިވާ ކަމަށާއި، ބޯހިޔާވަހިކަން ލިބިފައި ނުވާ އާދައިގެ ރައްޔިތުން، ބޯހިޔާވަހިކަމުން މަހުރޫމުވާ ގޮތަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށޭވެ.
އެހެންކަމުން، މިކަންކަމާ މެދު މަޖިލީހުން ދެކޭ ގޮތް ބެލުމަށާއި، ސަރުކަރުގެ މިހާރުގެ ސިޔާސަތުތަކާއި އުސޫލުތައް ބަދަލުކުރުވުމަށާއި ރައްޔިތުންނަށް މާލީ ގޮތުން ލުއި ފަސޭހަ ގޮތަކަށް ފްލެޓު ލިބޭނެ ގޮތް ހެދުމަށް އެ ގަރާރުގައި އިގުރާރުވެފައި ވެ އެވެ.
ކުރީގެ އަރަބިއްޔާ އަދި ގާ ކޮށިން ފެލެޓު ޔަގީންވި ކަމުގެ ލިޔުން ހަވާލުކޮށްފައިވާ މީހުންނަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ސޮއިކުރައްވައި ފޮނުވި ސިޓީގައި ފްލެޓުގެ އަގު ދައްކާ މުއްދަތު ކުރުކުރި ސަބަބު ވަނީ ބަޔާންކޮށްފަ އެވެ.
އެ ސިޓީގައި ވަނީ ކުރީގެ އަރަބިއްޔާ ހުރި ބިމާއި ގާ ކޮށީގައި އިމާތާރްކޮށްފައިވާ ފުލެޓުތައް ހެދުމަށް ޑިވެލޮޕަރާ އެކު ވެފައިވާ އެއްބަސްވުމުގެ އަގުތަކަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް ފެތޭވަރަށް ވުރެ ބޮޑު އަގުތަކެއް ކަމަށެވެ.
ވެށިފަހިމާލެ ޕްރޮގްރާމްގައި ހިމެނޭ ބައެއް ފްލެޓުތަކަކީ ފްލެޓުގެ ފައިސާ އެއްފަހަރާ ޑިވެލޮޕަރަށް ދެއްކުމުން ނޫނީ ސަރުކާރަށް ހަވާލުކުރެވޭ ގޮތަށް ހުރި ތަންތަން ނޫން ކަމަށެވެ.
އެހެންކަމުން ސަރުކާރުން ނިންމާފައި ވަނީ ކުރީގެ އަރަބިއްޔާ ހުރި ބިމާއި ގާ ކޮށީގައި އިމާތާރްކޮށްފައިވާ ފްލެޓުތަކުގެ އަގަކީ ދެ މިލިއަން ރުފިޔާ ކަމުގައި ކަނޑައަޅައި ފަސް އަހަރުގެ ތެރޭގައި ދެމިލިއަން ރުފިޔާ ދެއްކޭނެ ފަރާތްތަކަށް ފްލެޓު ދިނުމުގައި އިސްކަންދިނުމަށް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.