ނިއުދިއްލީން އަހުމަދު ސާއިލް އަލީ

ރާއްޖެއަށް އެހީތެރިވެ ރައްކާތެރިކަން ފޯރު ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރަންދްރާ މޯދީ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއް ދެއްވަމުން މޯދީ ވިދާޅުވީ ރާއްޖޭގެ ކަންކަން އިންޑިއާއަށް ވަރަށް މުހިންމު ކަމަށާއި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މޯދީ އާއި ރައީސް ޔާމީން ސަލާމް ކުރައްވަނީ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

ކަނޑުގެ ސިފައިންނަކީ ރަހުމަތްތެރި ބައެއް ކަމުގައިވާއިރު އެ މީހުންގެ ހިދުމަތް ފުޅާ ކުރުމަށާއި ފުލުހުންގެ ޓުރެއިނިންތަކުގައި އެހީތެރިވާނެ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް ދެ ގައުމުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

އެހެން ގައުމުތަކުގެ އެހީ އާއި ނުލައި ތަރައްގީ ފުރިހަމައެއް ނުވާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ވަޑައިގަތުމުން "އެކުވެރިއަކު އައުމުން" ލިބޭ އުފާވެރިކަން އިހުސާސްވި ކަމަށް މޯދީ ވިދާޅުވި އެވެ. ދެ ގައުމުގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށް މޯދީ ފާހަގަ ކުރެއްވި އެވެ.