11 Apr 2016, 15:17
(7 އޭޕްރިލްގެ އަދަދާގުޅޭ)
الحارثޖަވާބުދެއްވިއެވެ. "ކަލޭގެފާނަކީ މާތްاللّـهގެ ރަސޫލާކަމަށް އަޅުގަނޑު ހެކިވަމެވެ. އެހެނީ އަޅުގަނޑު އެ ދެ ޖަމަލު ފޮރުވިކަން އެކަލާނގެ ރަސްކަންފުޅު ފިޔަވައި އެހެން އެއްވެސްފަރާތަކަށް ނޭނގޭނެއެވެ. ކަލޭގެފާނަށް އެޚަބަރު ދެއްވާނީ އެކަލާނގެއެވެ."الحارثމިހެން ވިދާޅުވެފައި، އިސްލާމްވެވަޑައިގެންފިއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން ކައުސާހިބާصلّى اللّـه عليه وسلّم،
السّيّدة جويريةއާ ކާވެނިބައްލަވައިގެންނެވީ އެދެބައްޕާކަލުން އިސްލާމްވެވަޑައިގަތުމަށްފަހު،الحارثގެ އެދިވަޑައިގަތުމެއްގެ މަތީންނެވެ.
ޤައުމަށްހުރި ބަރަކާތެއް
ބައެއް ރިވާޔަތްތަކުގައިވާގޮތުންأمّ المؤمنينالسّيّدة جويرية بنت الحارثއެކަމަނާގެ ކާވެނިފުޅުގެ ރަނެއްކަމުގައި ވިދާޅުވީ، އެކަމަނާގެ މިނިވަންކަމާއި އެކަމަނާގެ ޤައުމުގެ ތެރެއިން އެއްސަތޭކަ މީހުން (ބައެއް ރިވާޔަތްތަކުގައިވާގޮތުން ސާޅީސްމީހުންގެ) ގެ މިނިވަންކަމެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ ކާވެނިފުޅުގެ ރަނަކަށް ހަތަރުސަތޭކަ ދިރުހަމުވެސް ދެއްވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّم،السّيّدة جويرية بنت الحارث رضى اللّـهعنــهاއާ ކާވެނިބައްލަވައިގެންނެވިތަން ފެނިވަޑައިގަތުމުން ޞަޙާބީން ވިދާޅުވިއެވެ. އަހަރެމެންނަކަށް އަހަރެމެންގެ މާތްނަބިއްޔާصلّى اللّـه عليه وسلّمގެ ޅިޔަންފަހަރީން އަޅުވެއްޗެއް ނުކުރެވޭނެއެވެ. ޞަޙާބީން އެހެންވިދާޅުވެފައި މުޞްޠަލިޤުވަންހައިގެ ހުރިހާ އަސީރުން މިނިވަންކުރެއްވިއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން މުޞްޠަލިޤުވަންހައިގެ ރައީސްالحارث بن ضرارއިސްލާމްވެވަޑައިގަތުމުން މުޞްޠަލިޤުވަންހައިގެ އެންމެންވަނީ އިސްލާމްވެފައެވެ. ޞަޙާބީން އެވަންހައިގެ މީހުން މިނިވަންކުރެއްވުމުގެ އެއްސަބަބަކަށް އެކަންތައްވެސްވިއެވެ.
أمّ المؤمنين السّيّدة عائشة رضى اللّـه عنهاވިދާޅުވެފައިވެއެވެ.
"جويريةއަށްވުރެ އެމީހެއްގެ ޤައުމަށް ބަރަކާތްތެރި އަންހެނަކު އަހަރެން ނުދެކެމެވެ. އެކަމަނާގެ ސަބަބުން މުޞްޠަލިޤުވަންހައިގެ ސަތޭކަ ޢާއިލާގެ މީހުންވަނީ އެއްފަހަރާ މިނިވަންވެފައެވެ."
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާصلّى اللّـه عليه وسلّمވަނީ
أمّ المؤمنينالسّيّدة جويرية رضى اللّـهعنــهاއާ ކާވެނިބައްލަވައިގަންނަވައި، ދުޝްމިނުންނާމެދު އޯގާވެރިވެވަޑައިގަތުމާއި، ހިތްޕުޅުހެޔޮކަމާއި އަބުރުވެރިކަމާއެކު މުޢާމަލާކުރެއްވުމުގެ ރީތި މިސާލެއް ދުނިޔެއަށް ދައްކަވައިފައެވެ.
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ މިމަތިވެރި ސިޔާސީ ޙިކުމަތުޢަމަލީއަށާއި، މިކާވެނިފުޅުގެ ސަބަބުން އިސްލާމީ ދަޢުވަތަށް ލިބުނު އަފޫރުއްބަ ފައިދާއަށް ޣައިރުމުސްލިމު މުއައްރިޚުންވެސްވަނީ އިޢުތިރާފުވެފައެވެ. މިސިލްސިލާގެ މުޤައްދިމާއެއްގެގޮތުން އަޅުގަނޑު ލިޔުނު ފޮތެއްކަމުގައިވާ "ކައުސާހިބާصلّى اللّـه عليه وسلّمގެ ކާވެނިފުޅުތަކާމެދު ކުރެވޭ އިޢުތިރާޟުގެ ޖަވާބުގައި" މިފޮތުގައި ވާނީ އެކަމަށް އަލިއަޅުވައިފައެވެ.
أمّ المؤمنينالسّيّدة جويرية بنت الحارث رضى اللّـهعنــهاގެ ބޭބެعبد اللّـه بن الحارثހިމެނިވަޑައިގަތީ މުޞްޠަލިޤުވަންހައިގެ ހަނގުރާމައިގައި ފިލައިގެންދިޔަ މީހުންގެ ތެރޭގައެވެ.أمّ المؤمنينހައްޔަރުވެވަޑައިގެންނެވިކަން އެނގިވަޑައިގަތުމުން އޭނާވެސް އެކަމަނާ މިނިވަންކުރައްވަން ފިދުޔަހިއްޕަވައިގެން ވަޑައިގެންނެވިއެވެ. އޭރު އޭނާގެ ބައްޕައާއި ކޮއްކޯފުޅު ވަނީ އިސްލާމްވެވަޑައިގެންފައެވެ. އެހެންކަމުން އޭނާވެސް އިސްލާމްވެވަޑައިގެންނެވިއެވެ.
އަވަހާރަވުން
أمّ المؤمنينالسّيّدة جويرية بنت الحارث رضى اللّـهعنــهاއަވަހާރަވި އަހަރަކާއި، އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅާމެދު މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި އެކަމަނާ އަވަހާރަވީ ހިޖުރައިން ފަންސާސްވަނަ އަހަރުއެވެ. އަނެއްބައި ޢިލްމުވެރީން ވިދާޅުވާގޮތުގައި ހިޖްރައިން ފަންސާސްހަވަނަ އަހަރުއެވެ. ހަމައެފަދައިން އެކަމަނާ އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ ފަސްދޮޅަސްފަސްއަހަރުފުޅު ކަމުގައްޔާއި ހަތްދިހައަހަރުފުޅު ކަމުގައި ރިވާޔަތްތައް ހުރެއެވެ.
އެކަމަނާ އަވަހާރަވީأمير معاوية رضى اللّـهعنــهގެ ޚަލީފާކަމުގައެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދުކުރެއްވީ މަދީނާގެ ގަވަރުނަރمروان بن الحكمއެވެ. ފަސްދާނުލެވުނީ ޖަންނަތުލްބަޤީއުގައެވެ.
އަޅުވެރިކަމާއި ޒާހިދުކަން
أمّ المؤمنينالسّيّدة جويرية بنت الحارث رضى اللّـهعنــهاއަކީ ކުރީންވެސް ދެންނެވިފަދައިން ޢަރަބި ރައީސެއްގެ ދަރިކަނބަލެކެވެ. އެހެންކަމުން އެކަމަނާ ދިރިއުޅުއްވަމުން ގެންދެވީ ސިފަވެސްނުކުރެވޭހާ އަރާމާއި ނިޢުމަތުގައެވެ. ޢާއިލާއާއި ޤަބީލާގެ މީހުންގެ އަތްއަތްމަތީގައެވެ. އެއްއިރު ފަރީއްކުޅުއްވި އެއްޗެއް އަނެއްއިރަކު ފަރީއްކުޅުއްވާކަށެއް ޖެހިވަޑައެއް ނުގަންނަވައެވެ. އެއްއިރު ތުރުކުރެއްވި ހެދުންކޮޅެއް އަނެއްއިރު ތުރުކުރައްވާކަށެއް ބޭނުންފުޅެއް ނުވެއެވެ. ނަމަވެސް ކައުސާހިބާصلّى اللّـه عليهوسلّمގެ ގަނޑުވަރަށް ވަޑައިގަތުމަށްފަހު އެކަމަނާގެ "އޮމާން" ދިރިއުޅުން ދޫކޮށްލެއްވިއެވެ. އިތުރު ސާހިބާގެ ޢާއިލީ ދިރިއުޅުއްވުމުގެ "ކުރަކި" ތައްގަނޑަށް އެކަމަނާ ފެތިވަޑައިގެންނެވީ އެއްވެސް ޝަކުވާއެއްނެތިއެވެ. ހިތްޕުޅުގެ އަޑީން ރުހިވަޑައިގެން އިންނަވައެވެ. މަސްދެމަސްވާއިރު ކޮޓަރިކޮޅުގައި ބައްތިނުދިއްލޭތީ އެއްވެސް ޝަކުވާއެއް ނުކުރައްވައެވެ. ހަފްތާއަކު އެއްފަހަރުވެސް ބަނޑުހައިފުޅު ފިލާވަރަށް ފަރީއްކޮޅު ލިބިވަޑައިނުގަންނަވާއިރުވެސް އިންނެވީ ނުހަނު އުފާފުޅުންނެވެ.
އެކަމަނާގެ ހުރިހާ ވަގުތެއް ޚާއްޞަކުރައްވައިފައިވަނީاللّـه سبحانه وتعالىއަށް އަޅުކަންކުރެއްވުމަށެވެ. ތަސްބީޙައާއި ތަޙްލީލު ވިދާޅުވުމަށެވެ. ފަތިސްނަމާދަށްފަހު މެންދުރާހަމަޔަށް ތަސްބީޙައާއި ތަޙްލީލު ވިދާޅުވާން އިންނަވާއިރުވެސް ފޫހިފުޅެއް ނުވެއެވެ. އެކަމަނާގެ ގެކޮޅުގައިވަނީ އަޅުކަންކުރައްވަން އިންނަވާނެ ތަނެއް ޚާއްޞަކުރައްވައިފައެވެ. މުސްލިމާއި އަބޫދާއޫދުގައިأمّ المؤمنينالسّيّدة جويرية رضى اللّـهعنــهاގެ އަރިހުން ރިވާވެފައިވެއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއެއްދުވަހެއްގެ ފަތިހު އެކަމަނާ އެތާނގައި އަޅުކަމުގައި އިންނަވަނިކޮށް ދެކެވަޑައިގެންނެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمމެންދުރެއްހާއިރު ގެއަށްވަޑައިގެންނެވިއިރުވެސްأمّ المؤمنينއިންނެވީ ހަމައެއިންނެވިގޮތަށް އެތާނގައެވެ. ތަސްބީޙައާއި، ތަޙްލީލާއި، ތަޙްމީދުގައި މަޝްޣޫލުވެވަޑައިގެންނެވެ.
އިތުރު ސާހިބާصلّى اللّـه عليه وسلّمސުވާލުކުރެއްވިއެވެ. ކަމަނާ ފަތިހުއްސުރެ ތިޔައިންނެވީ ތިޔަގޮތުގައިތޯއެވެ؟أمّ المؤمنينވިދާޅުވިއެވެ. "އާދޭހެވެ! އޭ މާތްاللّـهގެ ރަސޫލާއެވެ!"
އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "ކަމަނާއަށްފަހު (ކަމަނާގެ އަރިހުން ވަޑައިގަތުމަށްފަހު) ތިމަންކަލޭގެފާނު ވިދާޅުވީ ހަތަރު ކަލިމައެކެވެ. އެއިން ކޮންމެ ކަލިމައެއް ތިންފަހަރުއެވެ. ކަމަނާ މިއަދު މިހައިތަނަށް ތިޔަވިދާޅުވި ޒިކުރުތަކުގެ ޘަވާބާއި ތިމަންކަލޭގެފާނު މިވިދާޅުވި ހަތަރު ކަލިމައިގެ ޘަވާބު ތިލަފަތަކަށް ލައިކިރައިލައިފިނަމަ ބަރުވާނީ ތިމަންކަލޭގެފާނު މިވިދާޅުވި ހަތަރު ކަލިމައިގެ ޘަވާބެވެ. އެ ހަތަރު ކަލިމައަކީ:
سُبْحَان اللّـهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرُشِهِ وَمِدَادَ كَلِمَاتِهِމި ހަތަރު ކަލިމައެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއެއްދުވަހަކު އެކަމަނާގެ ކޮޓަރިކޮޅަށް ވަޑައިގެންނެވިއިރު އެކަމަނާ އިންނެވީ ރޯދަފުޅަށެވެ. އެދުވަހަކީ ހުކުރު ދުވަހެކެވެ. އިތުރު ސާހިބާ ސުވާލުކުރެއްވިއެވެ. "ކަމަނާ އިއްޔެވެސް ރޯދަ ހިއްޕެވީމުތޯއެވެ؟"أمّ المؤمنينނޫނެކޭ ވިދާޅުވުމުން ކައުސާހިބާ ޙަދީޘުކުރެއްވިއެވެ. "މާދަމާ ރޯދަ ހިއްޕަވާނުތޯއެވެ؟"أمّ المؤمنينނޫނެކޭ ވިދާޅުވިއެވެ. އެކަހެރީން އެކަނި އެއްދުވަހު ސުންނަތް ރޯދަހިފުމަކީ ކައުސާހިބާصلّى اللّـه عليه وسلّمތަރުޙީބުދެއްވާކަމެއް ނޫނެވެ. އެހެންކަމުން، ޙަދީޘުކުރެއްވިއެވެ. "އެހެންކަމަށްވާނަމަ ކަމަނާ ރޯދަވީއްލަވާށެވެ." (ބުޚާރީ)
ކައުސާހިބާصلّى اللّـه عليه وسلّمއެއްދުވަހަކުأمّ المؤمنينގެ އަރިހަށް ވަޑައިގެންފައި ސުވާލު ކުރެއްވިއެވެ. "ކާނެއެއްޗެއް އެބަހުރިތޯއެވެ؟"
أمّ المؤمنينޖަވާބު އެރުއްވިއެވެ. "އާދޭހެވެ. އަޅުގަނޑުގެ ޚާދިމާ ގެނެސްދިން މަސްއެބަހުއްޓެވެ. އެކަމަކު އެއީ އޭނާއަށް ޞަދަޤާތުގެ ގޮތުގައި ލިބުނު އެއްޗެކެވެ."
ކައުސާހިބާ ޙަދީޘުކުރެއްވިއެވެ. "ގެންނަވާށެވެ." "ޞަދަޤާތްދެވުނު މީހާއަށް އެޞަދަޤާތްވަނީ ރައްދުވެފައެވެ."
ޢިލްމުވެރިކަން
ކައުސާހިބާصلّى اللّـه عليه وسلّمއާ ކާވެނިފުޅުގެ ޒަރީޢާއިން ގުޅިވަޑައިގަތުމުގެ ކުރިންވެސް އެކަމަނާއަކީ ފަޞާޙަތްތެރި، ބަލާޣަތްތެރި، ވިސްނުންފުޅުތޫނު ބޭކަނބަލެކެވެ. ހިތްޕުޅުއަލި ބޭކަނބަލެކެވެ.
އެހެންކަމުން މަދަރުސަތުއްރަސޫލުން ލިބިވަޑައިގެންނެވި ތަރުބިޔަތުން އެމަދަރުސާގެ އިސްދަރިވަރެއްގެ ޙައިޘިއްޔަތުން އެކަމަނާއަކީވެސް އިސްލާމީ ޢިލްމުތަކުގެ އަގުބޮޑު ޚަޒާނާއެކެވެ.
(ނުނިމޭ)