04 May 2011, 01:35
ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް މާލޭގައި މިރޭ ކުރި ހަތަރު ވަނަ މުޒާހަރާގައި ބައިވެރިވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދިޔަ މަޝްހޫރު ކޮމެޑީ އެކްޓަރު ޔޫސުފް ރަފީއު ]ޔޫސޭ[ އަށް ބަޔަކު ހަމަލާދީފި އެވެ.
ޔޫސޭއަށް މިރޭ ބަޔަކު ހަމަލާދީފައި ވަނީ މާލޭގެ އެންމެ ބޮޑު ދެ މަގު، ޗާންދަނީ މަގާއި މަޖީދީ މަގުގެ ހަތަރު އަނގޮޅި ކަންމަތީގައި މުޒާހަރާ ކުރި މީހުންގެ އެއްވުން ރޫޅާލަން ފުލުހުން މަސައްކަތް ކުރި ވަގުތު، ޗާންދަނީ މަގުން ދެކުނަށް ދުވެފައި ދަނިކޮށެވެ. އަދި އޭނާގެ މޫނު މަތީގައި އެއްޗަކުން ޖެހުމުގެ ސަބަބުން، ޗާންދަނީ މަގު ޖިންގަލްސް ސެލޫން ކައިރިއަށް ޔޫސޭ ވެއްޓިފައި ވަނިކޮށް، ބަޔަކު ވަނީ އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ ޔޫސޭއަށް ބަޔަކު ހަމަލާދިން މައްސަލައެއް ރަސްމީކޮށް އަދި ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ މައްސަލައެއް އުޅޭތޯ ފުލުހުން ބަލަމުންދާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ޔޫސޭގެ މޫނު މަތީގައި ބަޔަކު އެއްޗައްކުން ޖެހުމުގެ ސަބަބުން ކޮންމެސް ވަރެއްގެ ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ. އަދި އައިޖީއެމްއެޗުން ފަރުވާދިނުމަށް ފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިރޭގެ މުޒާހަރާގައި ބައިވެރިވެ އަޑު އުފުލި، ޔޫސޭ ރޭގެ މުޒާހަރާގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޅު ކަޔައި މި ސަރުކާރަކީ ލާދީނީ ފިކުރުތަކެއް ގެންގުޅޭ ބައެއް ކަމަށް އޭނާ ތުހުމަތުކޮށްފައިވެ އެވެ.