ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)އިން ރާއްޖެއާ މެދު ބޭއިންސާފުން ފިޔަވަޅު އަޅަން ނިންމައިފި ނަމަ، އެކަން ހުއްޓުވުމަށް ނުވަތަ އެކަމުން ސަލާމަތް ވުމަށް އިންޑިއާގެ އެހީއަށް ރާއްޖެ އެދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާ އެކު ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއް ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ބޭނުމަކީ، ސީމެގުގެ މައްސަލައިގައި އިންޑިއާއިން ރާޢްޖެ ދިފާއުކޮށްދިން ކޮށްދިނުމަށް ޝުކުރުވެރިވުން ކަމަށޭވެ.

"ސީމެގުން ރާއްޖެއަށް ބޭއިންސާފުން ފިޔަވަޅު އަޅަން ކުރިއަށް އޮތް ތަނުގައި ވެސް ނިންމައިފި ނަމަ އަޅުގަނޑުމެން އިންޑިއާގެ އެހީއަށް އެދޭނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖެ ފަދައިން، ބައިނަލްއަގްވާމީ ސިޔާސީ ގުޅުންތަކުގައި ބައިވެރިވެ، ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ދައްކާ މިސާލާ އެއްގޮތަށް އަމަލުކުރާ ގައުމުތަކަށް ބޭއިންސާފުން އަދަބު ދިނުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ކުރަން މި އުޅޭ މަސައްކަތަކީ، ޑިމޮކްރަސީ އާއި، ޑިޕްލޮމެސީއާއި ގާނޫނުގެ ބާރު ނެގެހެއްޓުމޭ ބުނެ، ބޮޑެތި ގައުމުތަކުންނާއި ޖަމިއްޔާތަކުން ދައްކާ މިސާލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ވެސް އަމަލުތައް ބެހެއްޓުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސީމެގުން ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ މައްސަލަތަކެއް ނަގައިގެން ބަލާނެ ކަމަށް ބެލެވޭ ކަމަށެވެ. ރާއްޖެއަށް ބޮޑެތި އިގްތިސާދީ ބަދަލުތަކެއް މި ދަނޑިވަޅުގައި ސަރުކާރުން ގެންނަމުން ދިޔަ ނަމަވެސް، ހަމައެކަނި ބަދަލަކީ އެއީ ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއިން މި ދަނީ ވެރިކަމުގެ ނިޒާމު ވެސް ރަނގަޅު ކުރަމުން. އެންމެ މުހިންމު ކަމަކީ މިއީ. މިކަމުގައި އަޅުގަނޑުމެން މި ދަނީ އިންޑިއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގެ އެހީ ހޯދަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކޮންމެ ކަމެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އަބަދުވެސް އޮންނަނީ ތައްޔާރަށް ކަން ގަބޫލު ކުރައްވާ ކަމަށެވެ.

އަދި ރާއްޖެއާއި އިންޑިއާފަދަ، ސައިޒުގެ ފަރަގު ބޮޑު ގައުމުތަކަކީ، އެއް ގައުމު އަނެއް ގައުމުގެ ކިބައިން ފައިދާތަކެއް ލިބިގަންނަ ބަޔަކަށް ވެވޭނެކަން ދުނިޔެއަށް ހާމަކޮށްދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ބޮޑު ބަދަލެއް އަންނަމުން ދާ ކުޑަ ގައުމެއް ކަމަށާއި، އެމަނިކުފާނުގެ އަމާޒަކީ ޒުވާނުންގެ ބޭނުންތައް ފުއްދައިދޭ، ޒަމާނީ އިގްތިސާދެއް ރާއްޖޭގައި ގާއިމު ކުރުން ކަމަށެވެ.

ޒުވާނުންގެ މަތިން ހަނދާން ނައްތާލައިފި ނަމަ، ހައްދުފަހަނަ އެޅުމުގެ އަވައިގައި އެމީހުން ޖެހިގެން ދިއުމުގެ ބިރު އޮންނާނެ ކަމަށާއި، އެގޮތަށް އެކަން ވެއްޖެ ނަމަ މި ސަރަހައްދުގައި ޓެރަރިޒަމް ފަދަ އަމަލުތަކުގެ ބިރު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބޮޑުވަޒީރު މޯދީއާއި އަޅުގަނޑާ ގެންގުޅެނީ، ޓެރަރިޒަމް ނައްތާލުމުގެ މަސައްކަތުގައި އެއް ޚިޔާލުތަކެއް. ދުނިޔޭގައި އަޅުގަނޑުމެންގެ ސަރަހައްދުން މި ނުބައި ކަންކަން ނައއްތާލުމަށް ރާއްޖެއާ އިންޑިއާއިން އެކުގައި މަސައްކަތް ކުރާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.