ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާ ބިލުތައް މަޖިލީހުން ފާސް ނުވެއްޖެ ނަމަ އެ ބިލެއް ބާތިލުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ހުށަހެޅި އިސްލާއި، އެ ގަވައިދަށް ހުށަހެޅުނު އިތުރު ދެ އިސްލާހެއް މަޖިލީހުން ފާސްކޮށްފި އެވެ.

އެ އިސްލާހު ފާސްވީ، މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވި 52 މެމްބަރުންގެ ތެރެއިން 32 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވާ އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެމްބަރަކު އިންނެވި އެވެ.

ކޮމިޓީ އިން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވި އިސްލާހަކީ މަޖިލީހުގެ ގަވައިދުގެ 85 ވަނަ މާއްދާގެ (މ) އަށް ހުށަހެޅި އިސްލާހެވެ. އެ މާއްދާގެ (މ)ގައި މިހާރުވާ ގޮތުން، ކޮމިޓީ އިން މަޖިލީހަށް ފޮނުވާ ބިލެއް މަޖިލީހުގެ ތަޅުމުން ފާސް ނުވެއްޖެ ނަމަ، އެ ބިލެއް އަލުން ދިރާސާ ކުރުމަށް ކޮމިޓީ އަށް ފޮނުވުމަށް ވޯޓަށް އަހަން ޖެހެ އެވެ. ނަމަވެސް ހުށަހެޅިފައިވާ އިސްލާހުގައިވާ ގޮތުން، ކޮމިޓީން ދިރާސާ ކޮށްފައި ފޮނުވާ ބިލެއް މަޖިލީހުން ފާސް ނުވެއްޖެ ނަމަ އިތުރަށް ކޮމިޓީއަށް ފޮނުވުމަށް ވޯޓު ނުނަގައި، އެ ބިލެއް ބާތިލު ވާނެ އެވެ.

ދެވަނަ އިސްލާހަކީ މަޖިލީހުގެ 85 ވަނަ މާއްދާގެ (ފ) އުނި ކުރުމެވެ. އެ މާއްދާގެ (ފ)ގައި ބުނެފައި ވަނީ ކޮމިޓީ އަށް ފޮނުވުމަށް ވެސް ފާސް ނުވެއްޖެ ނަމަ އެ ބިލެއް އެ ހިސާބުން ބާތިލު ވާނެ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ 111 ވަނަ މާއްދާގެ (ނ) އުނި ކުރުމަށް ވެސް އެ އިސްލާހުގައި ހުށަހަޅާފައިވެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ކޮންމެ މެމްބަރަކު ވެސް މަދުވެގެން ދާއިމީ އެއް ކޮމިޓީގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މި މާއްދާގެ (ނ) އުނިކޮށްފި ނަމަ، މަޖިލީހުގެ މެމްބަރަކު މަދުވެގެން ދާއިމީ ކޮމިޓީއެއްގައި އިންނާކަށް ނުޖެހޭނެ އެވެ.