11 Apr 2016, 14:45
ފަތުރުވެރިއާގެ އިނގިލީގެ ނިޝާން ބޭނުންކޮށްގެން ހޮޓެލް އަދި ރެސްޓޯރެންޓްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ޓެސްޓު ކުރަމުން އަންނަ ކަމަށް ޖަޕާނުގެ ސަރުކާރުން ބުނެފި އެވެ.
އެ ސިސްޓަމަކީ 2020 ވަނަ އަހަރާ ހަމައަށް އެގައުމަށް އަހަރަކު އަންނަ ފަތުރުވެރިންގެ އަދަދު 40 މިލިއަނަށް އިތުރުކުރުމަށް ޖަޕާނު ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ތައާރަފްކުރަން ނިންމާފައިވާ ސިސްޓަމެކެވެ.
އެ ސިސްޓަމުގައި ބައިވެރިވުމަށް އެއާޕޯޓުގައާއި ކަނޑައަޅާ ވަކި ތަންތަނަކުން ފަތުރުވެރިއެއްގެ ފިންގާޕްރިންޓާއި އޭނާއާ އާ ބެހޭ މައުލޫމާތާއި ކްރެޑިޓް ކާޑުގެ މައުލޫމާތު ރަޖިސްޓްރީ ކުރަންޖެހެއެވެ.

ޖަޕާނުގެ ސަރުކާރުން ތައާރަފްކުރަން ޓެސްޓުކުރަމުންދާ ސިސްޓަމް މަސައްކަތްކުރާނެ ގޮތުގެ ތަފްސީލެއް ---
އެގޮތުން، ރަސްޖިޓްރީ ކުރުމަށްފަހު ސްޓޯލްތަކުގައި ހަރުކޮށްފައިވާ ޑިވައިސް އަކުން ދެ އިނގިއްޔެއްގެ ނިޝާން ސްކޭން ކޮށްލުމަށްފަހު އެ ސްޓޯރުން ވިޔަފާރިކުރެވޭނެ އެވެ. އޭރުން ހޮޓެލަކަށް ޗެކިންވާއިރު، ޕާސްޕޯޓާމެދު ވެސް ހާސްވާކަށް ނުޖެހޭނެ އެވެ.
ޖަޕާނުގެ ކަމާބެހޭ އޮފިޝަލުން ބުނާ ގޮތުން، އެ ހިދުމަތް ޓެސްޓް ކުރުމުގެ ގޮތުން ފުރަތަމަ ފަށައިގަންނާނީ އެންމެ 300 ތަނެއްގަ އެވެ. އަދި ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި 2020 ގައި ބާއްވާ ހޫނު މޫސުމުގެ އޮލިމްޕިކްސް ފެށުމުގެ ކުރިން މުޅި ގައުމުގައި އެ ހިދުމަތް ދޭން ފަށާނެ ކަމަށް އޮފިޝަލުން ބުނެއެވެ.