އިންޑިއާގެ ކެރެލާ ސްޓޭޓުގެ ޕަރާވުރުގައި ހުރި ފައްޅިއެއްގައި ރޯވެ އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި 100 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވި ހާދިސާއާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ފައްޅީގައި އަލިފާން ރޯވީ ހިންދޫ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ރައްކާކޮށްފައި ހުރި ބަޑިބޭހުގައި ރޯވެ، ބަޑިބޭސް ގޮވުމުގެ ސަބަބުންނެވެ. ގިނަ މީހުން މަރުވީ އެގޮވުމުގެ ސަބަބުން ފައްޅީގެ ތެރޭގައި ހުރި އިމާރާތެއް ވެއްޓުމުގެ ސަބަބުންނެވެ.

އެހާދިސާގައި ގެއްލުންވި މީހުންނަށް ރާއްޖޭގެ ރައްޔިތުންނާއި ރައީސް ޔާމީންގެ އަމިއްލަ ނަންފުޅުގައި ވަނީ ހަމްދަރުދީ ފޮނުއްވާފަ އެވެ. ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައި ވަނީ ގިނަ އަދެދެއްގެ ބަޔަކު މަރުވެ އަދި ގިނަ މީހުން ޒަހަމްވި އެހާދިސާގެ ވާހަކަ އަޑުއެހީ ކުއްލި ހައިރާން ކަމާއި ހިތާމައާއެކު ކަމަށެވެ.

އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށްވެސް ރައީސް ޔާމީން ވަނީ ހަމްދަރުދީ ފޮނުއްވާފަ އެވެ.

ގޮވުމުގެ ބާރު ގަދަ ކަމުން އެސަރަހައްދުގައި ތިބި ގެތަކަށް ވެސް ލޮޅުން އެރި އެ ހާދިސާގައި 350 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. ޒަހަމްވި މީހުންގެ ތެރެއިން އެންމެ ސީރިއަސް އަނިޔާތައް ލިބުނު މީހުންނަށް ކެރަލާގެ ވެރި ރަށް ތިރުވަނަންތަޕޫރަމްގައި ހުންނަ ސަރުކާރުގެ މެޑިކަލް ކޮލެޖުން ވަނީ ފަރުވާ ދީފަ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ފުލުހުން ވަނީ ބަޑިބޭސް ބޭނުން ކުރުމާ ދެކޮޅަށް އިންޒާރު ދީފަ އެވެ. އިންޑިއާގެ ފައްޅިތަކުގައި ހާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ބަޑިބޭހުގެ ކުޅިވަރުތައް ކުރިއަށް ގެންދިޔުމަކީ އާއްމު ކަމެކެވެ.