11 Apr 2016, 15:50
ހިރޯޝިމާ (އޭޕްރިލް 11): ދުނިޔޭގެ ފުރަތަމަ އެޓޮމިކް ބޮން އެޅި ސަރަހައްދުގެ ހަނދާނީ ބިނާ، ހިރޯޝިމާ ޕީސް މެމޯރިއަލް ޕާކް އެންޑް މިއުޒިއަމް އަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ އެންމެ އިސް އޮފިޝަލަކަށް އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޖޯން ކެރީ ހިރޯޝިމާ މެމޯރިއަލް އަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ޖަޕާނުގެ ހިރޯޝީމާ އަށް އެޅި އެޓޮމިކް ބޮމުގެ ސަބަބުން ޖަޕާނުގެ 140،000 ވަރަކަށް މީހުން މަރުވި އެވެ. ހިރޯޝިމާ މެމޯރިއަލް ޒިޔާރަތް ކުރެއްވި ނަމަވެސް، ބޮމުގެ ހަމަލާ ދިނުމަށް އެމެރިކާގެ ފަރާތުން ކެރީ މާފަށް އެދިވަޑައިގެންފައި ނުވެ އެވެ.
ހިރޯޝިމާ ޕީސް މެމޯރިއަލް މިއުޒިއަމް އަށް ކެރީ ކުރެއްވި ޒިޔާރަތުގައި އޭނާ ވަނީ ހިރޯޝިމާ މެމޯރިއަލް އަކީ ނިއުކްލިއާ ހަތިޔާރެކޭ އެއްފަދައިން ހަނގުރާމައިން ދުރުވުމަށް ދުނިޔެއަށް ހަނދާންކޮށްދޭ ރަމްޒެއް ކަމަށް މިއުޒިއަމްގެ މެހެމާނުންގެ ފޮތުގައި ލިޔުއްވާފަ އެވެ.
"މި މެމޯރިއަލްގެ ބާރު މުޅި ދުނިޔެއަށް ފެނި އިހުސާސު ކުރެވެން ޖެހޭނެ. އެއީ ހަމައެކަނި ނިއުކްލިއާ ހަތިޔާރުގެ ނުރައްކާ ނައްތާލުމަށް އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާ ހަދާންކޮށްދޭ ރަމްޒެއް ނޫން. ނަމަވެސް، އެއީ ހަނގުރާމައާ ދުރުވުމަށް އަޅުގަނޑުމެން އިސްކަން ދޭންވީ މިންވަރު ހަނދާންކޮށްދޭ ވަރުގަދަ ރަމްޒެއް. ހަނގުރާމަ ހިޔާރު ކުރަން ޖެހޭނީ އެހެން ގޮތެއް ނެތުމުން. ހަނގުރާމައަކީ ފުރަތަމަ އިހުތިޔާރަށް ވެގެން ނުވާނެ،" ހިރޯޝިމާ ޕީސް މެމޯރިއަލް މިއުޒިއަމްގެ މެހެމާނުންގެ ފޮތުގައި ކެރީ ލިޔުއްވި އެވެ.
މިއަންނަ މަހު ޖަޕާނުގައި އޮންނަ ޖީ7 ސަމިޓަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަޑައިގަންނަވާ އިރު ހިރޯޝިއަމް މެމޯރިއަލް އަށް ޒިޔާރަތް ކުރައްވާނެ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. މެމޯރިއަލް އަށް ޒިޔާރަތް ކުރައްވައިފިނަމަ، އެ ވެގެންދާނީ އެމެރިކާގެ ރައީސަކު ވެރިކަމުގެ ދައުރުގައި ހިރޯޝީމާ މެމޯރިއަލް އަށް ޒިޔާރަތް ކުރެއްވި ފުރަތަަމަ ފަހަރަށެވެ. (ގާޑިއަން)