11 Apr 2016, 13:59
ތ. އަތޮޅު (ކޮޅުމަޑުލު) ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ، މަޑިފުށި ބަލިކޮށް ވިލުފުށިން ހޯދައިފި އެވެ.
ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ވިލުފުށިން ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މަޑިފުށި އަތުން 3-2 ސެޓުން މޮޅުވެގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު 25-14 އިން ގެންދިޔައީ މަޑިފުށްޓެވެ. ދެވަނަ ސެޓު 25-15 އިން ވިލިފުށި ގެންދިޔަ ނަމަވެސް، ތިންވަނަ ސެޓު 25-20 އިން މަޑިފުށި ގެންދިޔަ އެވެ. ހަތަރު ވަނަ ސެޓާއި ފަހު ސެޓު ވިލިފުށިން ގެންދިޔައީ 25-14 އަދި 15-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިލިފުށި ޓީމުގެ މުހައްމަދު ޝާއިން އެވެ.
އެ މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޝަނުގެ ފައިނަލު މެޗެވެ. އަންހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކުރާނީ މަޑިފުށްޓާއި ދިޔަމިގިއްޔެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި މާދަމާ ބައްދަލުކުރާނީ ހިރިލަންދޫ އާއި ވިލުފުށްޓެވެ.

ކޮޅުމަޑުލު ވޮލީ ޓޯނަމެންޓްގައި ވިލިފުށްޓާއި މަޑިފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-2 ސެޓުން ކާމިޔާބުކޮށް، ފައިނަލުގެ ފަހު ޖާގަ ހޯދީ ވިލިފުށިން --
ކޮޅުމަޑުލު އަތޮޅު ކައުންސިލުން ބާއްވާ ވޮލީ މުބާރާތް، "ކޮޅުމަޑުލު ވޮލީ ޓޯނަމެންޓް 2016" ގައި އެ އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ވިލުފުށްޓާއި، މަޑިފުށްޓާއި، ދިޔަމިގިލި އަދި ހިރިލަންދޫ އެވެ.
ދެ ޑިވިޝަން ހިމެނޭ އެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވި އެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ހަތަރު ޓީމެވެ. އަންހެން ޑިވިޝަނުގައި ބައިވެރިވެފައި ވަނީ ވިލުފުށްޓާއި، މަޑިފުށި އަދި ދިޔަމިގިއްޔެވެ. މުބާރާތުގައި ބައިވެރިވި ކޮންމެ ރަށަކުން ވެސް ފިރިހެން ޓީމެއް ބައިވެރިވެފައިވެ އެވެ.
އެގާރަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނާއި އެއް ވަނަ ޑިވިޝަނަށް ކުޅޭ ކުޅުންތެރިން އަދި ބިދޭސީ ކުޅުންތެރިން ވެސް ކުޅެމުންދެ އެވެ.
ފިރިހެން ޑިވިޝަނަށް ބަލައިލާ އިރު، ދިޔަމިގިލީ ޓީމަށް ކުޅެމުންދާ އިޝާން މުހައްމަދު (ބަޓިސް) އާއި އެޓީމުގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)، ހިރިލަންދޫ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)އާއި ހަމަ އެޓީމުގެ އަޝްފާގު އާދަމް (އައްކެޅޭ)، މަޑިފުށި ޓީމުގެ އަހުމަދު ފާޒިލް އާއި ސްރީލަންކާ ކުޅުންތެރިޔާ ޕްރަމޭޝް ސިންގް، ވިލުފުށި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހަޝިނީ ހަކްޝިކާ ސެނަރަތުނާ އާއި އެޓީމުގެ އަލީ ހުޒާމް އަދި ހަމަ އެޓީމުގެ މުހައްމަދު ޝާއިން ފާހަގަކޮށްލެވެ އެވެ.
އަންހެން ޑިވިޝަނުން މަޑިފުށި ޓީމުގެ ހައްވާ ރަޝީދާ އާއި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތިލިނީ ވަސަން ޕެރޭރާ އާއި ދިޔަމިގިލި ޓީމުގެ އައިޝަތު ޝައްފަ އަދި ހަމަ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ދިނޭޝާ ޕްރަސަދަނީ ފާހަގަކޮށްލެވެ އެވެ.