އިންގްލެންޑް އަދި މެންޗަސްޓާ ޔުނައިޓެޑްގެ ވެސް ކެޕްޓަން ވޭން ރޫނީ ޔުނައިޓެޑްގެ 21 އަހަރުން ދަށުގެ ޓީމަށް ނަގައި މިރޭ އެ ޓީމް މިޑިލްސްބްރޯއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ފަށައިފި އެވެ.

ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ކުޅުމާއި ދުރުގައި ހުރުމަށް ފަހު ރޫނީ ޔުނައިޓެޑްގެ ޒުވާން ޓީމާ އެކު ދަނޑަށް ނިކުންނަން ނިންމީ އޭނާގެ އަނިޔާ މުޅިން ރަނގަޅު ވުމުން ކަމަށް ޔުނައިޓެޑްގެ ކޯޗު ލުއިސް ވެން ހާލް ބުންޏެވެ.

"މިރޭގެ މެޗުގެ ކޮންމެ ވެސް ހިސާބަކުން ރޫނީ ފެނިގެން ދާނެ. އެ މެޗަށް ރޫނީ މި އަރުވަނީ އޭނާގެ މިހާރުގެ ހާލަތާއި ފިޓްނަސް ލެވަލް ދެނަގަތުމަށް. އެހެންކަމުން އެ މެޗުގައި މާ ބޮޑު ފިޒިކަލް ކުޅުމެއް ފެނިގެނެއް ނުދާނެ ރޫނީގެ ފަރާތުންނެއް،" ވެން ހާލް ބުންޏެވެ.

ރޫނީ އަށް އަނިޔާވެފައި ވަނީ ފެބްރުއަރީ 13 ވަނަ ދުވަހު ސަންޑަލޭންޑްއާ ދެކޮޅަށް ޔުނައިޓެޑް ކުޅެ ބަލިވި މެޗުގަ އެވެ. ކުރިން ބަލެވިފައިވާ ގޮތުން އަނިޔާގެ ސަބަބުން ރޫނީ އަށް ގެއްލޭނީ އަށް މެޗެވެ. ނަމަވެސް ކަކުލަށް ލިބުނު އެ އަނިޔާގެ ސަބަބުން 12 މެޗު މިހާތަނަށް ޔުނައިޓެޑްން ވަނީ ރޫނީއާ ނުލާ ކުޅެފަ އެވެ.

ރޭ ޔުނައިޓެޑް ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން 3-0ގެ ނަތީޖާ އަކުން ބަލިވެފައިވާ އިރު އެ ޓީމް ވިވަގުތު އޮތީ ކުޅުނު 32 މެޗުން 53 ޕޮއިންޓް ލިބިގެން ތާވަލުގެ ފަސް ވަނައިގަ އެވެ. އެހެން ކަމުން ލީގްގައި އަދި ބައިކީ ހަ މެޗު ކުރި އަށް އޮތް އިރު ގަދަ ހަތަރަކަށް އަރައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ އެއް ހޯދުމަށް ޔިނައިޓެޑަށް ވަނީ ގިނަ މަސަތްކަތްތަކެއް ކުރަން ޖެހިފަ އެވެ. ސަބަބަކީ ހަތުރު ވަނާގައި އޮތް މެންޗަސްޓާ ސިޓީ އަށް 57 ޕޮއިންޓް ލިބި އެ ޓީމް ވެސް ރަނގަޅު ފޯމެއްގައި އޮތުމެވެ.

ރޫނީގެ ކުޅުން ދައްވެ ޔުނައިޓެޑާ އެކު ވެސް އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް ގިނަ ބަޔަކު ބުނަމުން އައި ދަނޑިވަޅެއްގައި އޭނާ އަށް އަނިޔާ ވުމުން ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިނގިރޭސި ޓީމުގައި ހިމެނެން އޭނާ އަށް ވަނީ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފަ އެވެ.