11 Apr 2016, 13:06
ރާއްޖޭގެ ބްރޯޑްކާސްޓިން ސްޓޭޝަންތަކުގައި މަސައްކަތްކުރާ ބައެއް ނޫސްވެރީންނަށް ޖިނާއީ ދައުވާތައް އުފުލަމުންދާތީ ކަންބޮޑުވާ ކަމަށް ބުނެ، ބްރޯޑްކާސްޓަރުންނަށް ނަސޭހަތްތެރިވެ ބަޔާނެއް ނެރެފި އެވެ.
ބްރޯޑްކޮމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބްރޯޑްކާސްޓަރުން ޒިންމާ އަދާ ކުރަމުންދާއިރު ހުރިހާ އިރެއްގައި ވެސް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއަށް އަމަލު ކުރުމަށެވެ. ކޯޑް އޮފް ޕްރެކްޓިސްގެ ދަށުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވުމަށާއި ޒިންމާދާރުވުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ބްރޯޑްކޮމްއިން އެފަދަ ބަޔާނެއް ނެރުނު އިރު، ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ސްޓޭޝަންގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމް އަދި ލީވާން އަލީ ނަސީރުގެ މައްޗަށް ވެސް ވަނީ ޖިނާއީ ދައުވާ އުފުލާފަ އެވެ.
"މިއީ، ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަންބޮޑުވާ ކަމެކެވެ،" ބްރޯޑްކޮމްއަށް އަލަށް މެމްބަރުން އައްޔަން ކުރި ފަހުން ނެރުނު ފުރަތަމަ ބަޔާނުގައިވެ އެވެ.
ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބްރޯޑްކާސްޓިން ސްޓޭޝަންތަކުގައި މަސައްކަތްކުރާ ބައެއް ނޫސްވެރީންނަށް ޖިނާއީ ދައުވާތައް "އުފުލުލެމުންދާ" ކަމުގެ މަޢުލޫމާތު މީޑިއާގެ ޒަރިއްޔާއިން ލިބެމުންދާ ކަމަށެވެ.
ބްރޯޑްކޮމްގެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.