ލ. މާވަށުގައި ރައްޔިތުން ހިންގަމުން އަންނަ އިންޖީނުގެއިން ތެޔޮ ހުސްވެ އެ ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ އެއް ދުވަސް ފަހުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ސާދަރާތާ މަރުތެޔޮ ހިފައިގެން ވަދެ އިންޖީނުތައް ތަޅައި ހަލާކުކޮށްލައިފި ކަމަށް މާވަށު ކައުންސިލުން މިރޭ ބުނެފި އެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ މާވަށު ކައުންސިލްގެ ރައީސް ޔޫސުފު އާމިރު މިރޭ ވިދާޅުވީ މޫނު ނިވާކޮށްގެން ތިބި ވިއްސަކަށް މީހުން ސާދަރާތާ މަރުތެޔޮ ހިފައިގެން ވަދެ އިންޖީނުގޭގައި ހުރި ހުރިހާ ޖަނަރޭޓަރުތަކަށް ހަމަލަދީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ ކަމަށެވެ. އެ ހަމަލާގައި އިންޖީނުގޭގައިވާ ޕެނަލްބޯޑްތަކާއި ކަރަންޓް ދިނުމަށް ބޭނުންކުރާ ހުރިހާ ސާމާނެއް ވެސް ހަލާކުކޮށް ސުންނާފަތިކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ އިންޖީނުގޭގައިހުރި ހުރިހާ ޖަނަރޭޓަރެއް ވަނީ މުޅިން ހަލާކުކޮށްފައި، އަދި ރައްޔިތުންގެ ތެޔޮ ފިހާރައިގެ ދޮރު ވެސް ވަނީ ވައްޓާލާފައި، ކަރަންޓް ނެތުމުން އަނދިރީގައި އޮތް މިރަށުގެ ރައްޔިތުން މިތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ އިއްޔެއިން ފެށިގެން މާވަށު ކައުންސިލްގެ އިދާރާ ބަންދުކޮށްފައިވާތީ ރެއިން ފެށިގެން ތަކުރާރުކޮށް ފުލުހުންގެ އެހީއަށް އެދެމުން ދަނިކޮށް މިއަދު ފުލުހުން އެ ރަށަށް ދިޔަ ކަމަށެވެ. އަދި މިރޭގެ ހާދިސާ ހިނގި އިރު އެރަށުގައި 12 ވަރަކަށް ފުލުހުން ހަރަކާތްތެރި ވަމުން ދިޔަކަމަށް ވެސް ވިދާޅުވިއެވެ.

"ޖަނަރޭޓަރުތަކާއި ޕެނަލް ބޯޑްތައް ހަލާކުރި ހާދިސާ ހިނގިއިރު މިރަށުގައި ފުލުހުން ތިބި، ނަމަވެސް ފުލުހުން ވަނީ އެމައްސަލަ ނުބަލައި ފުރައިގެން ގޮސްފައި،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ފުލުހުން މާވަށަށް ގޮސް ކުރި ހަމައެކަނި ކަމަކީ ލަކުޑިފައްޗާއި މޮހަރު ބޭނުންކޮށްގެން ބަންދުކޮށްފައިވާ އެ ރަށުގެ ކައުންސިލްގެ އިދާރާ ހުޅުވައިދެއްވުން ކަމަށެވެ.

މާވަށުގެ 113 ގެއިން ބިލް ނުދައްކާ ބޭނުންކުރަމުން ދަނިކޮށް ތެޔޮ ގަނެވެން ނެތިގެން ރަށުން ކަރަންޓް ކެނޑުނީ އިއްޔެ މެންދުރު އެވެ.