28 Apr 2010, 10:03
10:00
ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޓުއަރިޒަމް، އާޓްސް އެންޑް ކަލްޗަރ ދަށުން ހިނގަމުންދިޔަ ދިވެހި ބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒު އިއްޔެން ފެށިގެން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އުވާލައްވައިފި އެވެ.
ދިވެހި ބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒު އުވާލެއްވުމާގުޅިގެން، އެ މަރްކަޒުން ބަލަހައްޓަވަމުން ގެންދެވި މަސައްކަތްތަކުގެ ތެރެއިން، ތަރިކައާއި، ދިވެހި އާދަކާދައާއި ޘަޤާފަތާގުޅޭ ގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްތައް، އިއްޔެއިން ފެށިގެން މިނިސްޓްރީ އޮފް ޓުއަރިޒަމް، އާޓްސް އެންޑް ކަލްޗަރ ކުރައްވަމުންދަވާގޮތަށް މަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިގޮތުން، އެމަރްކަޒުން ބަލަހައްޓަވަމުން ގެންދެވި، ޤައުމީ ދާރުލްއާޘާރާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒު، ބަލަހައްޓަމުން ގެންދާނީ ވެސް މިނިސްޓްރީ އޮފް ޓުއަރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ނެވެ.
މީގެއިތުރުން، އަރުޝީފުކުރުމާ ގުޅޭގޮތުން އެ މަރްކަޒުން ކުރަމުން ގެންދިޔަ މަސައްކަތްތައް، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޤައުމީ އަރުޝީފުން ކުރަމުންގެންދާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފި އެވެ. އަދި އެމަރުކަޒުން ކުރަމުން ގެންދިޔަ ދިވެހި ބަހާއި ތާރީޚާބެހޭ ދިރާސާގެ މަސައްކަތްތައް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ކުރަމުން ގެންދަވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.